ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން، އިތުރު ރަށްތަކެއްގައި އައު މަޝްރޫޢުތައް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީންނެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށެވެ
މި މަޝްރޫޢުތަކަކީ "ހުރިހާ ރަށަކަށް ބޯހިޔާވަހިކަން" ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށުގެ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
ނާޒިމް މަޢުލޫމާތު ދއްވި ގޮތުގައި، ވަރަށް އަވަހަށް ބައެއް ރަށްރަށުގައި ރޯހައުސް އަދި ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި މަޝްރޫޢުތައް ފެށުމަށް ބޭނުންވާ އެންމެހާ ކަންކަން މިހާރު ވަނީ ނިމުމަކާއި ގާތްވެފައި ކަމަށް ނާޒިމް ވިދާޅުވިއެެވެ.
މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބަޖެޓުންނާއި، ބޭރުގެ އެހީގެ ދަށުންނެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ވިދާޅުވަމުން ގެންދަވަނީ، ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކީ ބޯހިޔާވަހިކަމުން މަޙްރޫމްވެފައިވާ މީހަކަށް ނުހެދުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށެވެ.









