އިންޑިއާގައި ޓެލެގްރާމް އެޕްލިކޭޝަން ވަގުތީ ގޮތުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޓެލެގްރާމުން ހުށަހެޅި މައްސަލަ އެ ގައުމުގެ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ނިއުދިއްލީ ހައިކޯޓުން މި ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހުއެވެ. މި މައްސަލައިގައި ޓެލެގްރާމާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ދެމެދު ބޭއްވުނު ސިއްރު އަޑުއެހުމަކަށްފަހު، ކޯޓުން ވަނީ ސަރުކާރުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
އިންޑިއާ ސަރުކާރުން ޓެލެގްރާމް ބްލޮކް ކުރަން ނިންމީ، މެޑިކަލް ކޯސްތަކަށް ކުދިން ހޮވުމަށް ބާއްވާ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ޓެލެގްރާމްގެ އެކި ޗެނަލްތައް މެދުވެރިކޮށް ވިއްކަމުންދާ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެންނެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ބުނެފައިވާ ގޮތުގައި، ސައްހަ ނޫން ސުވާލު ކަރުދާސްތައް ދައުރުވުމަކީ ވެސް އިމްތިހާނު ހަދާ ދަރިވަރުންނަށް އޮޅުން އަރާނެ ކަމެކެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ތޭޖަސް ކާރިއާ ވިދާޅުވީ، ސަރުކާރުން ޓެލެގްރާމް ބަންދުކުރުމަށް ނެރުނު އަމުރަކީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މި ނިންމުމާ ގުޅިގެން ޓެލެގްރާމްގެ ބާނީ ޕަވެލް ދޫރޯވް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސުވާލު ކަރުދާސްތައް އެހެން މަންސަތަކުގައި ވެސް ފެތުރިފައިވަނިކޮށް، ހަމައެކަނި ޓެލެގްރާމް ބަންދުކުރުމަކީ އެ އެޕް ބޭނުންކުރާ މީހުންނަށް ދެވޭ ބޭއިންސާފު އަދަބެއް ކަމަށެވެ.
އިންޑިއާއަކީ ޓެލެގްރާމްގެ އެންމެ ބޮޑު މާކެޓެވެ. އެ ގައުމުގައި 150 މިލިއަނަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަން ބޭނުންކުރެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ، މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ މެޑިކަލް އިމްތިހާނުގެ ސުވާލުތައް ލީކުވި ކަމަށް ބުނެ އެ އިމްތިހާނުގެ ނަތީޖާތައް ބާތިލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޓެކްނޮލޮޖީ ކުންފުނިތަކާއި ސަރުކާރުތަކާ ދެމެދު ހިނގާ މިފަދަ ގާނޫނީ ކުރިމަތިލުންތަކަކީ މިހާރު ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެއް ކަމެވެ.









