މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައި 100 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލުތައް ހާމަކުރަމުން އެމްޓީސީސީން ބުނީ، މަގުގައި މައި ފެން ހޮޅި އެޅުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެން ހިންދާ ވަޅުތަކާއި (ސްޓޯމްވޯޓާ ކެޗްޕިޓް) ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މީގެ އިތުރުން، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ތިންވަނަ ސެގްމަންޓްގެ ސަބްގްރޭޑިންގް މަސައްކަތްތަކެވެ. މީގެ އިތުރުން މަގުގެ ދުވާރު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތްތައް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅައި ބޭނުންކުރެވޭ ފެންވަރަށް ތަރައްގީކޮށްފައެވެ.
މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، ބަނދަރުގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށާއި ވިޔަފާރީގެ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.









