މެލޭޝިއާގެ މަޝްހޫރު ޔުނިވަސިޓީތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ސްކޮލާޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަސިޓީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އަދި އިންސީފް ޔުނިވަސިޓީގައި ބެޗްލާސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ކިޔެވުމަށް ހުޅުވާލެވިފައިވާ ދާއިރާތަކަކީ:
- ބެޗްލާސް ޑިގްރީ: ބެޗްލަރ އޮފް އެކައުންޓިންގ (ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ).
- މާސްޓާސް ޑިގްރީ: މާސްޓަރ އޮފް ލޯސް އަދި މާސްޓަރ އޮފް އިކޮނޮމިކްސް (އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ).
- ޕީއެޗްޑީ (އިންސީފް ޔުނިވަރސިޓީ):
ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން).
ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ރިސަރޗް).
ޕީއެޗްޑީ އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް).
މި ސްކޮލާޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި ކޯސްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު އެމްއެމްއޭގެ އޮންލައިން ޕޯޓަލް https://forms.office.com/r/TW9DPhpvy8 މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތައުލީމީ އަދި ތަޖުރިބާކާރު މީހުން ބިނާކުރުމުގެ މަގުސަދުގައި ހުޅުވާލެވުނު ފުރުސަތުތަކެކެވެ.









