ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ދޫކުރާ "ބޭންކް ފަންޑު" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާނެއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ތައާރަފުކޮށްފައިވާ ގްރާންޓެކެވެ. 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ހުޅުވާލުމަށް ނިންމާފައިވާ މި ފަންޑަށް މިއަހަރު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.
މި ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށެވެ.
މި އަހަރުގެ ބޭންކް ފަންޑުގެ ދަށުން އެންމެ ރަނގަޅު 5 ޕްރޮޕޯސަލެއް ހޮވުމަށް ވަނީ ނިންމާފައެވެ. ހޮވޭ ކޮންމެ ފަރާތަކަށް ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން ނުވަތަ މުޖުތަމަޢަށް ފައިދާހުރި އިޖުތިމާޢީ މަޝްރޫޢުތައް ހިންގުމަށް 200,000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދޭނެއެވެ.
މި ފަންޑާ ގުޅޭ އިތުރު މަޢުލޫމާތާއި އުސޫލުތައް ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓް https://www.bankofmaldives.com.mv/bank-fund އިން ލިބެން ހުންނާނެއެވެ. ބީއެމްއެލްއިން ބުނިގޮތުގައި މި ފަންޑުގެ މަގްސަދަކީ ރަށްރަށުގައި ހިންގާ ޖަމިއްޔާތައް ބާރުވެރިކުރުވައި، މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް މަގުފަހިކޮށްދިނުމެވެ.









