ފިލިޕީންސްގެ ދެކުނުގައިވާ މިންދަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ޢިމާރާތްތައް ވެއްޓި، މިހާތަނަށް 12 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.،
މި ބިންހެލުމުގެ ސަބަބުން ވިޔަފާރި މަރުކަޒުތަކާއި ސްކޫލްތަކާއި ގެދޮރާއި އާންމު އެތައް ބައިވަރު ޢިމާރާތްތަކެއް ވަނީ ހަލާކުވެފައި ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން މަގުތަކާއި ބްރިޖްތަކާއި އެއާޕޯޓްތަކުގެ ވަސީލަތްތަކަށް އެކި މިންވަރަކަށް ގެއްލުން ލިބި، ދަތުރުފަތުރަށް ބުރޫއަރައި ފްލައިޓްތަކެއް ކެންސަލް ވެފައިވާ ކަމަށް ވެސް މަސްދަރުތައް ބުނެއެވެ.
މި ބިންހެލުމާއި ގުޅިގެން ސުނާމީ އެއް އަރާފާނެ ކަމަށް ފުރަތަމަ ބެލެވުނަސް، އެފަދަ ބިރުވެރި ކަމެއް ނެތް ކަމަށް އެ ޤައުމުގެ ޚަބަރުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސްވަނީ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން އުސް ބިންތަކަށް ބަދަލުވުމަށް އިލްތިމާސް ކުރައްވާފައެވެ.









