ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފ. ދަރަނބޫދޫގައި އަލަށް ބިނާކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ދަނޑު ހުޅުއްވައިދެއްވީ އެކަމަނާ މިހާރު އެ ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު ގީލާ އަލީ އާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗަކީ ފ. ނިލަންދޫ އަދި ފ. ދަރަނބޫދޫގެ 12 އަހަރުން ދަށުގެ ކުދިންގެ މެޗެކެވެ. މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދެ ޓީމަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިލަންދޫ ޓީމެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދަރަނބޫދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަކީ ގައުމީ އަދި އިޖުތިމާއީ ކަންކަމުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގަންނަވާ، ހީވާގި ކަނބަލެއްކަން ފާހަގަކުރެވެއެވެ.









