އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު" ގެ ދަށުން، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ޓަވަރުތައް ހިންގައި ބެލެހެއްޓުމަށްޓަކައި ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފިއެވެ.
ވިނަރެސް ޓަވަރުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލާފައި ވަނީ އެ ސަރަހައްދުގައިވާ ޓަވަރުތައް ޖުމްލަ ތިން ސްޓްރާޓާ (އެއްމެދު އިމާރާތް) އަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ސްޓްރާޓާއެއް ހިންގުމަށްޓަކައި ވަކި މެނޭޖްމަންޓް ކޯޕަރޭޝަނެއް ވަނީ އުފައްދާފައެވެ.
އަލަށް އެކުލަވާލި ސްޓްރާޓާތައް ބެހިފައިވާ ގޮތަކީ:
- ސްޓްރާޓާ 1: ވިނަރެސް ޓަވަރު 1 އިން 4 އަށް.
- ސްޓްރާޓާ 2: ވިނަރެސް ޓަވަރު 5 އިން 8 އަށް.
- ސްޓްރާޓާ 3: ވިނަރެސް ޓަވަރު 9 އިން 10 އަށް.
މި ކޯޕަރޭޝަންތައް ހިންގުމަށްޓަކައި، އެ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އިންތިހާބުކުރާ މެނޭޖްމަންޓް ކައުންސިލެއް އޮންނަންޖެހެއެވެ. އެގޮތުން ވިނަރެސްގެ ތިން ސްޓްރާޓާގެ ކައުންސިލްތައް މިހާރު ވަނީ އިންތިހާބުކޮށް ނިންމާފައެވެ.
މި ކޯޕަރޭޝަންތައް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ އެއްމެދު އިމާރާތްތަކުން ދޭ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކޮށް ފަސޭހަކުރުމެވެ. މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މި ކޯޕަރޭޝަންތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި އާ ނިޒާމަށް އަހުލުވެރިވުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް އެޗްޑީސީން ދަނީ ފޯރުކޮށްދެމުންނެވެ.
މި މަސައްކަތުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، ސަރުކާރުގެ އެހެން އެއްމެދު އިމާރާތްތަކުގައިވެސް މިފަދަ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމެވެ. މީގެ ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެގެން، އިންތިހާބުކުރެވޭ ކައުންސިލްތަކެއްގެ ބެލުމުގެ ދަށުން ދިރިއުޅޭ ތަންތަނުގެ ކަންކަން އަމިއްލައަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމެވެ.









