ޒަމާނުއްސުރެ މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ހިނގަމުން އައި ގޮތަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވީ، ކުންފުނީގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިފްކޯގެ އެކި ސެންޓަރުތަކުގެ ހާލަތު ބެއްލެވުމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ސީއީއޯ އަނަސް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު ތަސައްވުރަކީ މިފްކޯއަށް ބޭނުންވާ އިޞްލާޙީ ބަދަލުތައް ގެނެސް، ކުންފުނީގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ. މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، ޒަމާނުއްސުރެ ކުންފުނި ހިނގަމުން އައި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒެއް ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރުކުރެވިގެން ކަމަށެވެ. އެހެންކަމުން ކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމަށް މެނޭޖްމަންޓުން ޚާއްޞަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
"ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ (ވެލިއު އެޑް ކުރާނެ) އިތުރު ގޮތްތަކެއް ހޯދަން،"
މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް
މީގެ އިތުރުން، ގެންނަ އިސްލާހީ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ހުރިހާ މުވައްޒަފުންވެސް މަސައްކަތުގެ އަޚްލާޤު ހިފައްޓައި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސީއީއޯ އިލްތިމާސް ކުރެއްވިއެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބަލައި، އެކަންކަން ހައްލުކުރުމަށް މެނޭޖްމަންޓުން މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިފްކޯގެ ސީއީއޯ މިހާރު ގެންދަވަނީ ކުންފުނީގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މަސް ބަނދަރުތަކާއި ފެކްޓްރީތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު އަމިއްލަފުޅަށް ބައްލަވައި، އިސްލާހުކުރަން ހުރި ކަންކަމަށް ފިޔަވަޅު އަޅުއްވަމުންނެވެ. އެގޮތުން ކޫއްޑޫގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ.









