މިދިޔަ އަހަރު ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސަބަބުން، އަންދާޒާކުރި ދައުލަތުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވުނު ކަމަށާއި، ފަސް ބިލިއަން ރުފިޔާ ސަލާމަތްކުރެވުނު ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން ޝާއިއު ކުރި ބަޖެޓު ނަތީޖާ ބަޔާން 2025 ގައެވެ.
2025 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމްލަ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި 5 ބިލިއަން ރުފިޔާ ކުޑަކުރެވުނު ސަބަބަކީ ހަރުދަނާ ގޮތެއްގައި ބަޖެޓު ބެލެހެއްޓުމާއި ސަރުކާރުގެ ހަރަދުތައް ފަރުވާތެރިކަމާއެކު ކޮންޓްރޯލް ކުރުމެވެ.
ހަރަދު ކުޑަކުރި ނަމަވެސް އާންމު ހިދުމަތްތަކަށް ކުރި ހޭދަ ކުޑައެއް ނުވެއެވެ. ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ މުހިއްމު ހިދުމަތްތައް ދެމެހެއްޓުމުގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތަކާއި ސަބްސިޑީތައް ސަރުކާރުން ދިޔައީ ދެމުންނެވެ.
އަދި މުވައްޒަފުންގެ މުސާރަ އާއި ދަރަނީގެ އިންޓަރެސްޓް ދެއްކުމަށް ވެސް ސަރުކާރުން ބޮޑެތި ހެދަތައް ކުރިއިރު، ފޯކަސް ކޮށްފައިވަނީ ހޭދަތައް ހަރުދަނާ ކުރުމަށެވެ. ނަތީޖާ އަކީ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 14 ބިލިއަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް ހޭދަކުރީ 12.5 ބިލިއަން ރުފިޔާ އެވެ. އިންޓަރެސްޓް ދެއްކުމުގެ އަދަދު 5.6 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް ވަނީ ދަށްކޮށްފަ އެވެ.









