އިސްރާއީލުން ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން މަސައްކަތް ނުކުރާނަމަ، އެމެރިކާއާއެކު ކުރިއަށްދާ ސިޔާސީ މަޝްވަރާތައް ހުއްޓާލާނެކަމުގެ އިންޒާރު އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ދެއްވައިފިއެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މި އިންޒާރު ދެއްވީ ހޯމަ ދުވަހު ލުބުނާނުގެ މަޖިލީހުގެ ރައީސް ނަބީހް ބެރީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯނު ކޯލުގައި ގާލީބާފް ވަނީ އިސްރާއީލުން ލުބުނާނަށް އަރައިގަނެ ހިންގަމުންދާ އުދުވާނުތަކާ ގުޅޭގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންތައްތަކަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު އެކްސް (ކުރީގެ ޓުވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ގާލީބާފް ވިދާޅުވީ، ލުބުނާނުގައި ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުރިއަށްދާނަމަ، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތައް މެދުކަނޑާލުމުގެ އިތުރުން، އިސްރާއީލާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވާނެ ކަމަށެވެ. މީގެ އިތުރުން ލުބުނާނުގެ ރައްޔިތުންނާ އެކު އީރާނުން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން އޭނާ އެރުވިއެވެ.
ގާލީބާފްގެ މެސެޖު ނިންމަވާލައްވާފައިވަނީ އިސްރާއީލާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ދެއްވަމުންނެވެ. އެގޮތުން "މުގާވަމާ (ރެސިސްޓަންސް) އަށް ނަސްރު ދެއްވާށި! ވަޠަން ދިފާޢުކުރުމަށް ކުރާ މަސައްކަތަށް ނަސްރު ދެއްވާށި! އީރާނާއި ލުބުނާނުގެ ރައްޔިތުންގެ މެދުގައިވާ އުޚުއްވަތްތެރިކަން އަބަދަށް ދަމަހައްޓަވާށި!" މިފަދައިން އޭނާ ވިދާޅުވެފައިވެއެވެ.
އީރާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އީރާނަކީ ޒަމާނުއްސުރެ އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލައި، ލުބުނާނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމެކެވެ.









