ލުބުނާނުގެ ތެރެއިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ތިން މިސައިލެއް ދެނެގަނެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ މިސައިލް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެފިއެވެ.
އިސްރާއީލް އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، ފޮނުވާލި ތިންވަނަ މިސައިލް ހުއްޓުވުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން އިތުރު ތަޙުޤީޤުތަކެއް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ލުބުނާނުގެ އިތުރު ދެ މިސައިލެއް ފޮނުވާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ. މީގެ ތެރެއިން އެއް މިސައިލް ވެއްޓިފައިވަނީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލްގެ ސިފައިން ތިބި ސަރަޙައްދަކާ ކައިރިއަށެވެ. އަދި އަނެއް މިސައިލް ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ހުސް ބިމަކަށް ކަމަށް އިސްރާއީލުން މަޢުލޫމާތު ދެއެވެ.
Advertisement

މި ހާދިސާތައް ހިނގާފައި މިވަނީ ލުބުނާނާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ލުބުނާނުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުން ދަނީ އެ ޤައުމުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.







