ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ އިސްތިއުމާރީ ސިފައިންނަށް އަމާޒުކޮށް ޑްރޯން އާއި ރޮކެޓް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުން މިއަދު އިއުލާންކޮށްފިއެވެ.
ހިޒްބުﷲ އިން ހާމަކުރި ގޮތުގައި، މިއަދު މެންދުރުފަހު 3:30 ހާއިރު (ޖީއެމްޓީން 12:30) މާރޫން އަލް ރަސް އަވަށުގައި ޓެންޓެއްގެ ތެރޭގައި ތިބި އިޒްރޭލުގެ ސިފައިންގެ ފައުޖަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މި ހަމަލާގެ ކުރިން، މިއަދު މެންދުރުފަހު 2:30 ހާއިރު (ޖީއެމްޓީން 11:30) އިޒްރޭލުގެ އުތުރުގައިވާ ހަނީތާ ސަރަހައްދުގައި ހުރި އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ވެސް އެ ޖަމާއަތުން ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން، އިޒްރޭލުން ހިފާފައިވާ ސަފަދު ސިޓީގައި ހުރި އިޒްރޭލު ސިފައިންގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދެ ފަހަރެއްގެ މަތިން ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް ހިޒްބުﷲ އިން ބުނެފައިވެއެވެ.
Advertisement

މި ހަމަލާތަކަކީ އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކުގައި އެ ގައުމުގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާނެ ކަމަށް ބެލެވެއެވެ.







