ލުބުނާނުގެ ދެކުނުގައިވާ އަވަށަކަށް އިސްރާއީލުން ފަތިހުގެ ވަގުތެއްގައި ދިން ނުރައްކާތެރި ވައިގެ ހަމަލާއެއްގައި އަށް މީހުން ޝަހީދުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނަބަޠިއްޔާ ޑިސްޓްރިކްޓްގެ ދައިރު ޒަހްރާނީ އަވަށަށް އާދީއްތަ ދުވަހުގެ ފަތިހު ދިން މި ހަމަލާއަކީ ބޮޑު ގަތުލުއާންމެއް ކަމަށެވެ. މި ހަމަލާގައި ޝަހީދުވި އަށް މީހުންގެ ތެރޭގައި ތިން އަންހެނުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ހަމަލާގައި 19 މީހަކު ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި ހަ އަންހެނުން ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
Advertisement

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެ ގައުމުގެ އެތެރެއަށް އެއްގަމު މަގުން އަރައިގަނެ ހިންގަމުންދާ އޮޕަރޭޝަންތައް މިހާރު ވަނީ އިތުރުކޮށްފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ދަނީ ޝަހީދުވަމުންނެވެ.







