ލުބުނާނުގައި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް އިތުރަށް ފުޅާކުރުން ވަގުތުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ގޮވާލައި، އެގައުމުގެ މެދުއިރުމައްޗާއި އުތުރު އެފްރިކާއާ ބެހޭ ވަޒީރު ހާމިޝް ފަލްކޮނާ އިންޒާރު ދެއްވައިފިއެވެ.
ވަޒީރު ހާމިޝް ފަލްކޮނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުން ދިއުމަކީ ސުލްހައިގެ މަގަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ބަލައިނުގަނެވޭނެ މިންވަރަށް އިތުރުވަމުންދާ ކަމަށާއި، އިސްރާއީލުން މި ހަނގުރާމަ ފުޅާކުރުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
Advertisement

ފަލްކޮނާގެ ބަޔާނުގައި އިސްރާއީލަށް ގޮވާލެއްވި ގޮވާލުންތަކުގެ އިތުރުން، ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، އެ ޖަމާއަތުން ހަތިޔާރު ބަހައްޓަންޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމްކުރުމަށް އޭނާ ބާރުއެޅުއްވިއެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެމެރިކާގެ އިސްނެގުމާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ހުރިހާ ފަރާތްތަކަކުން ވެސް ދެމިތިބުމަކީ މުހިންމު ކަމެއް ކަމުގައި އިނގިރޭސި ވަޒީރު ފާހަގަކުރެއްވިއެވެ.
ލުބުނާނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވަނީ، އެ ސަރަހައްދުގައި އޮތް ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.







