އިޒްރޭލު ސިފައިން ދެކުނު ލުބުނާނަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ފުޅާކޮށް، އާދީއްތަ ދުވަހު އެ ސަރަހައްދުގެ އެކި ރަށްތަކަށް ވައިގެ މަގުންނާއި ބަޑީގެ ހަމަލާތައް އަމާޒުކޮށްފިއެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ މަރުޖަޔޫން ޑިސްޓްރިކްޓްގައި ހިމެނޭ ދުބައިބީން ނަމަކަށް ކިޔާ ރަށަށް ބޮން އަޅާފައެވެ. މި ހަމަލާއާ އެކު އެ ސަރަހައްދަށް ބޮޑުބަޑީގެ ހަމަލާތަކާއި މެޝިން ބަޑިން ވަރުގަދަ ހަމަލާތަކެއްވެސް ވަނީ އަމާޒުކޮށްފައެވެ.
މީގެ އިތުރުން، ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ބުރުޖު ގަލާވިއާ ނަމަކަށް ކިޔާ ރަށަށް ވެސް އިޒްރޭލުގެ ވައިގެ ސިފައިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ މީހަކު މަރުވިކަމުގެ ރަސްމީ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އިޒްރޭލުން ލުބުނާނަށް ދެމުންދާ މި ހަމަލާތަކަކީ އެ ގައުމުގެ ބިންތަކަށް އަރައިގަނެ، ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ތެރެއިން ދެމުންދާ ހަމަލާތަކެކެވެ.









