ހދ. ފިނޭގައި އަލަށް އިމާރާތްކުރި ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ސަރުކާރުގެ "ސްޕެޝަލް ޕަބްލިކް ޕްރޮޖެކްޓްސް" އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ފުރިހަމަވެފައެވެ.

ޖުމްލަ 2.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 1,600 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޕޮލިސް ޕޯސްޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

ފިނޭގައި ޕޮލިސް ޕޯސްޓެއް އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޕޮލިސް ޕޯސްޓުގެ މަސައްކަތް ނިމި، ހިދުމަތަށް ތައްޔާރުވުމަކީ ފިނޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މީގެ ސަބަބުން ރަށުގައި ކުށްމަދުކުރުމަށާއި، ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.