ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ތަށީގެ ހުވަފެނެއްގައި ތިބި އާސެނަލްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އުންމީދުތައް ފިސްފިސްކޮށްލުމަށްފަހު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީން ޔޫރަޕުގެ ރަސްކަން ހޯދައިފިއެވެ. މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޕެނަލްޓީގައި އާސެނަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު، 6 ވަނަ މިނެޓުގައި އާސެނަލް އަށް ކުރިހޯދައިދިނީ އެ ޓީމުގެ ފޯވާޑް ކައި ހަވާޓްޒް އެވެ. މި ލަނޑަކީ ޕީއެސްޖީގެ ތަޖުރިބާކާރު ޑިފެންޑަރު މާކުޝީނިއޯސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި ވާދަވެރި ކުޅުމެކެވެ.

ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރި ބުރަ މަސައްކަތް ކާމިޔާބުވީ 65 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން އޮސްމާން ޑެމްބެލޭ ލަނޑުޖަހައި ޕީއެސްޖީ އަށް އުންމީދު އާކޮށްދިނެވެ.

މެޗުގެ 90 މިނެޓު އެއްވަރުވެ ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހި ޕީއެސްޖީ ތަށި ދިފާއުކުރީ ޕެނަލްޓީގައި 3-4 އިން ކުރި ހޯދައިގެންނެވެ. އާސެނަލް އަށް ނާކާމިޔާބުވީ އެޒޭ އަދި ގަބްރީއެލް މަގަޅައެސް ގެ ޕެނަލްޓީއެވެ. ގިއޮކްރެސް، ޑެކްލަން ރައިސް އަދި ގަބްރިއެލް މާޓިނެއްލީ ވަނީ ޕެނަލްޓީ ވައްދާލާފައެވެ. ޕީއެސްޖީގެ އިން ނާކާމިޔާބުވީ ނޫނޯ މެންޑެސްގެ ޕެނަލްޓީ އެކަންޏެވެ. އަދި ގޮންޒާލޯ ރާމޯސް، ޑުއޯ، އަޝްރަފް ހަކީމީގެ އިތުރުން ލޫކަސް ބެރާލްޑޯ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މިއީ އާސެނަލްގެ ދިގު ތާރީހުގައި ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުގެ ފައިނަލުން އެ ޓީމަށް ނަކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އަތުންވެސް އެ ޓީމު ބަލިވީ ހަމަ މި ނަތީޖާއިންނެވެ. 22 އަހަރަށްފަހު ޕްރިމިއާ ލީގުގެ ތަށި އުފުލާލި އާސެނަލް އަށް މި ސީޒަނުގައި ޔޫރަޕުގެ ތަށި ނުލިބުނު ނަމަވެސް، ޕީއެސްޖީން ވަނީ މި ސީޒަނުގައި ފްރާންސް ލީގާއި، ފްރެންޗު ސުޕަ ކަޕާއި، ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.