މާލޭގެ ޗާންދަނީ މަގުގައި ހުންނަ މއ. ނަމީބިއާ ގޭގައި އަލިފާނުގެ ހާދިސާއެއް އުޅޭކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވެއްޖެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ބަދިގޭގައި އުދާފައި ހުރި ތެއްޔެއް ދޫކޮށްލުމުގެ ސަބަބުން އޭގެއިން ދުން އަރައިގެންނެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް، އެތަނަށް ދިޔައިރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ، މިފަދަ ގިނަ ރިޕޯޓްތަކެއް ދުވާލެއްގެ މައްޗަށް އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ގޭގޭގެ ޓެރަސްގައި މީހުން ބާބަކިއު ހަދާތީ، އޭގެއިން އަރާ ދުން ފެނިގެންވެސް އަލިފާނުގެ ހާދިސާއެއް ކަމަށް ހީކޮށް ރިޕޯޓް ކުރާ ކަމަށެވެ.
"މިކަހަލަ އެތައް ކޯލެއް ދުވާލަކު އަޅުގަނޑުމެންނަށް ލިބޭ. ބައެއް ކޯލްތަކަށް އިޖާބަދީގެން ދާއިރު ޓެރަސްގައި މީހުން ބާބަކިއު ހަދާތީ ދުން ފެނިގެންވެސް ރިޕޯޓް ކުރޭ. އެފަދަ ކަންކަން އަޅުގަނޑުމެން ހިއްސާ އެއް ނުކުރަން،" އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.








