އިންޑިއާގެ ކަލްކަތާގައި ބަހައްޓާފައި ހުރި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ބިޔަ ބުދު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ނެގުމަށް ނިންމައިފިއެވެ.
ވެސްޓް ބެންގާލްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޝަރަދުވަތު މުކަރުޖީ ވިދާޅުވި ގޮތުގައި، 21 މީޓަރު (70 ފޫޓު) އުސް މި ރަންކުލައިގެ ބުދު ވަޔާ ހޫރެމުންދާތީ އެއީ ރައްކާތެރި އެއްޗެއް ނޫން ކަމަށް އިންޖިނޭރުން ވަނީ ލަފާދީފަ އެވެ.
މި ބުދަކީ މިދިޔަ ޑިސެމްބަރު މަހު މެސީ އިންޑިއާއަށް ކުރި "ގޯޓު ޓުއާ" ގެ ތެރެއިން، އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ބެހެއްޓި ބުދެކެވެ. މި ބުދުން ފެންނަނީ އާޖެންޓީނާގެ ކެޕްޓަން މެސީ ވޯލްޑް ކަޕް ތަށި އުފުލާލައިގެން ހުންނަ މަންޒަރެވެ.
މުކަރުޖީ އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަލްކަތާގެ ކާރޫބާރޫ ބޮޑު މަގެއްގެ ކައިރީގައި ހުރި މި ބުދު ވަޔާ ހޫރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ބުދު ވެއްޓި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި މަސައްކަތްތެރިން މިހާރު ދަނީ ބުދުގެ ކޮނޑުގައި ވާޖަހައި ހިފެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
"ބުދު ނެގުމަކީ ބުނާހާ ފަސޭހަ ކަމެއް ނޫން. ނަމަވެސް ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމުމަށް އަޅުގަނޑުމެން ދަނީ ރާވަމުން،" މުކަރުޖީ ވިދާޅުވިއެވެ. ނަމަވެސް، މި ބުދު އެހެން ތަނެއްގައި އަލުން ބަހައްޓާނެ ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އިންޑިއާއަކީ ކްރިކެޓަށް ބޮޑު ތަރުހީބެއް އޮންނަ ގައުމެއް ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ފުޓްބޯޅައަކީ އެ ގައުމުގައި ދެވަނައަށް އެންމެ މަގުބޫލު ކުޅިވަރެވެ. ފީފާ ރޭންކިންގެ 142 ވަނައިގައި އިންޑިއާ އޮތް ނަމަވެސް، އެ ގައުމުގައި މެސީއަށާއި އާޖެންޓީނާ ޓީމަށް އޮންނަ ސަޕޯޓު ވަރަށް ބޮޑެވެ.
އާޖެންޓީނާއިން ކުރިއަށް އޮތް ވޯލްޑް ކަޕް ކެމްޕޭން ޖޫން 16 ގައި ކެންސަސް ސިޓީގައި ފެށުމަށް ތައްޔާރުވަމުންދާއިރު، އުމުރުން 38 އަހަރުގެ މެސީ އޭނާގެ ރެކޯޑް 6 ވަނަ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.








