މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރަން ނިންމީ ކުރިއަށް އޮތް އަޟްހާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއި ވާ ބުރާސްފަތި ދުވަހު އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކު ހުޅުވާ ދުވަސް ކަމަށްވާ 28 މެއި، އަދި ސަރުކާރު އޮފީސްތައް އަލުން ހުޅުވޭ ދުވަސް ކަމަށްވާ 31 މެއި ގައި މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ.

"ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެ މަސައްކަތް ތަރުތީބުން ކުރިއަށް ގެންދާނެ ކަމަށެވެ.