މޭޖާ ލީގު ސޮކާ (އެމް.އެލް.އެސް) ގައި އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗުގެ 72 ވަނަ މިނެޓުގައި، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ބަދަލުކޮށްދިނުމަށް އެދުމުން، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުގައި އޭނާއަށް ކުޅެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު މިއާމީގެ ދަނޑުގައި ކުޅުނު މި މެޗު 6-4 އިން އިންޓަ މިއާމީ ކާމިޔާބުކުރި ނަމަވެސް، އެންމެންގެ ސަމާލުކަން ހުއްޓުނީ އުމުރުން 38 އަހަރުގެ މެސީއަށެވެ. މެޗުގެ 73 ވަނަ މިނެޓުގައި އޭނާ ދަނޑުން ފޭބީ ވާތު ފައިގެ ފަހަތް މަސްގަނޑުގައި ހިފަހައްޓައިގެން ހުރެ، ތަދުވާކަމުގެ ނިޝާންތަކެއް ދައްކަމުންނެވެ.

މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހުމަށް އެހީތެރިވެދިނުމަށްފަހު، މެސީ ދަނޑުން ބޭލުމަށް އެދުނީ އަމިއްލައަށެވެ. ހަތަރުވަނަ އޮފިޝަލް ބޯޑު ނަގަންދެން މަޑުކޮށްގެން ހުރިއިރު އޭނާގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. މެސީގެ ބަދަލުގައި މަޓެއޯ ސިލްވެޓީ ކުޅެން އެރިއިރު، މެސީ ވަނީ ބެންޗުގައި މަޑުނުކޮށް ވަގުތުން ޑްރެސިން ރޫމަށް ގޮސްފަ އެވެ. ޓަނަލް ކެމެރާތަކުން ފެނުނު ގޮތުގައި އޭނާ ހިނގާފައި ދިޔައީ އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ނަމަވެސް، ވަރަށް މަޑުމަޑުންނެވެ.

އިންޓަ މިއާމީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެސީއަށް އުނދަގޫތަކެއްވެގެން ދަނޑުން ފޭބީ ފައިގެ މަސްގަނޑަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މިއަދު ހެދި މެޑިކަލް ޓެސްޓުތަކުން ދައްކާގޮތުގައި، މެސީގެ ވާތު ފައިގެ ހެމްސްޓްރިންގް މަސްގަނޑަށް ވަނީ "އޯވަލޯޑް" ނުވަތަ މާބޮޑަށް ބާރުބޮޑުވެ ވަރުބަލިކަން މެދުވެރިވެފަ އެވެ.

ކްލަބުން ހާމަކުރި ގޮތުގައި މެސީ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. އޭނާ އެނބުރި އަންނާނެ ދުވަހެއް އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ހަށިގަނޑު ރަނގަޅުވަމުންދާ މިންވަރަށް ބަލާފައި ކަމަށް މިއާމީއިން ބުނެ އެވެ.

މި މައުލޫމާތާއެކު، އާޖެންޓީނާގެ ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވަނީ މެސީއަށް ލިބުނީ ބޮޑު އަނިޔާއެއް ނޫންކަން ކަށަވަރުވުމުންނެވެ. ނަމަވެސް ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި އޭނާ ފެނުމުގެ ފުރުސަތު އޮތީ އޭނާގެ ރިކަވަރީ ކުރިއަށްދާ ގޮތެއްގެ މައްޗަށެވެ.

މެސީއަށް މި ދިމާވި މަސްގަނޑުގެ މައްސަލައަކީ މީގެ ކުރިންވެސް އޭނާއަށް ދޭތެރެއަކުން ދިމާވާ ކަމެކެވެ. އެހެންކަމުން ކުރިއަށް އޮތް ބޮޑު މުބާރާތުގެ ކުރިން އޭނާއަށް ފުރިހަމަ އަރާމު ދިނުމަށް ކްލަބުންނާއި ގައުމީ ޓީމުން އިސްކަންދޭނެ ކަމަށް ބެލެވެ އެވެ.

އާޖެންޓީނާގެ ސްކޮޑް އަންނަ ހަފްތާގައި އިއުލާންކުރަން ހަމަޖެހިފައިވާއިރު، ވޯލްޑް ކަޕްގެ ކުރިން ހޮންޑިއުރަސް އަދި އައިސްލޭންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން 16 ގައި އަލްޖީރިއާއާ ދެކޮޅަށެވެ. އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ މީގެ ކުރިން ބުނެފައިވަނީ، އޭނާ ވޯލްޑް ކަޕްގައި ކުޅޭނީ ފުރިހަމަ ސިއްހަތެއްގައި ހުރެވިއްޖެނަމަ ކަމަށެވެ. މިއީ އޭނާގެ ހަވަނަ ވޯލްޑް ކަޕަށް ވާނެ އެވެ.