މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އީރާން ގައުމީ ޓީމުގެ ބޭސް ކޭމްޕް، އެމެރިކާގެ އެރިޒޯނާއިން މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިހުއާނާއަށް ބަދަލުކުރުމުގެ ހުއްދަ ފީފާއިން ދީފި އެވެ.

އީރާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހުދީ ތާޖު ހޮނިހިރު ދުވަހު ވިދާޅުވީ، އީރާން ޓީމު ދެން ކޭމްޕް ކުރާނީ ޕެސިފިކް ކަނޑާ ކައިރީގައި އޮންނަ، އަދި މެކްސިކޯ އާއި އެމެރިކާ ގުޅޭ ބޯޑަރުގައި އޮންނަ ޓިހުއާނާ ސިޓީގައި ކަމަށެވެ. އަދި އީރާން އެއާގެ ފްލައިޓެއްގައި ޓީމު ދަތުރުކުރާނީ ސީދާ މެކްސިކޯއަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ބަދަލު ގެނައީ ކުރިން ކޭމްޕް ކުރަން ނިންމި އެރިޒޯނާއަށްވުރެ، މެކްސިކޯގެ މި ސިޓީ އީރާންގެ މެޗުތައް ކުޅޭ ސަރަހައްދުތަކާ ގާތްވުމުންނެވެ. އީރާންގެ ފުރަތަމަ ދެ މެޗު އޮތީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އެއީ ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. ތިންވަނަ މެޗުގައި ޖޫން 26 ގައި ސިއެޓްލްގައި ބައްދަލުކުރާނީ މިސްރާއެވެ. މަހުދީ ތާޖު ފާހަގަކުރެއްވި ގޮތުގައި، ޓިހުއާނާއިން ލޮސް އެންޖެލިސްއަށް ފްލައިޓެއްގައި ދެވޭނީ އެންމެ 55 މިނެޓުންނެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އީރާނަށް ވަނީ ދަތުރުފަތުރާއި ސަލާމަތީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އީރާނުން ކުރިން އެދިފައިވަނީ އެ ގައުމުގެ މެޗުތައް އެމެރިކާ ނޫން އެހެން ގައުމަކަށް ބަދަލުކޮށްދިނުމަށެވެ. މީގެ އިތުރުން، މުބާރާތް ފެށެން މަހަކަށް ވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އީރާންގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދިވެސް އެމެރިކާގެ ވިސާ ލިބިފައިނުވާ ކަމަށް އެ ގައުމުން ބުނެ އެވެ.

ފީފާގެ ފަރާތުން ވިސާގެ ކަންކަމާއި، ސަލާމަތީ ކަންކަމުގެ އިތުރުން އީރާންގެ ވަފުދަށް އެކަށީގެންވާ މުއާމަލާތް ކުރުމުގެ ޔަގީންކަމަށްވެސް އީރާނުން ވަނީ އެދިފަ އެވެ.