އިނގިރޭސިވިލާތުގެ އެންމެ ވަރުގަދަ އަދި އެންމެ މުއްސަނދި އެއް ކްލަބު ކަމަށްވާ އާސެނަލްއިން، 22 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފި އެވެ.
މިއީ 2003-2004 ވަނަ އަހަރުގެ ސީޒަނަށްފަހު، ދުނިޔޭގެ އެންމެ ވާދަވެރި ލީގުގެ ގޮތުގައި ބެލެވޭ އިނގިރޭސި ފުރަތަމަ ޑިވިޜޝަންގެ ތަށި އެ ކްލަބުން އުފުލާލި ފުރަތަމަ ފަހަރެވެ. އާސެނަލްއަށް ލީގު ކާމިޔާބުވިކަން ކަށަވަރުވީ ރޭގައި ތަށީގެ ރޭހުގައި އާސެނަލްއާ ވާދަކުރި ހަމައެކަނި ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ.
އެ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، މެޗުގެ ބާކީ އޮތް ތިން މިނެޓުގެ ތެރޭގައި މޮޅުވާނެ ލަނޑެއް އެޓީމަށް ކާމިޔާބެއް ނުކުރެވުނެވެ. ތަށީގެ އުންމީދު ދަމަހައްޓަން ސިޓީއަށް އެ މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް ނަމަވެސް، އެ ނަތީޖާއާއެކު އާސެނަލްއަށް ވަނީ ތަށި ކަށަވަރުވެފަ އެވެ.
އާސެނަލްގެ ކާމިޔާބު ތާރީހަށް ބަލާއިރު، 1992 ވަނަ އަހަރު ޕްރިމިއާ ލީގު އުފެދުނީއްސުރެ އެ ކްލަބަކީ ގަދަ ބާރެކެވެ. ކުރީގެ ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން 1997-98، 2001-02 އަދި 2003-04 ވަނަ އަހަރު އެޓީމުން ލީގު ކާމިޔާބުކުރި އެވެ. ނަމަވެސް އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި، ހާއްސަކޮށް 2007-08، 2013-14 އަދި 2022-23 ވަނަ އަހަރުގެ ސީޒަންތަކުގައި ލީގުގެ ކުރީގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، ސީޒަނުގެ ފަހުކޮޅު ނަތީޖާތައް ދަށްވުމުގެ ސަބަބުން ވަނީ ތަށި ގެއްލިފައެވެ.
ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގެ ބާރު އޮތީ މެންޗެސްޓާއަށް ނިސްބަތްވާ ދެ ކްލަބު ކަމަށްވާ ޔުނައިޓެޑާއި ސިޓީގެ އަތުގަ އެވެ. މި މުއްދަތުގައި މި ދެ ކްލަބުން ވަނީ ޖުމްލަ 13 ފަހަރު ލީގު ތަށި ކާމިޔާބުކޮށްފަ އެވެ.
މިހާރުގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ލީގު ތަށި ކާމިޔާބުކުރުމަށްފަހު، އާސެނަލްގެ ދެން އޮތް އަމާޒަކީ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. މިހާތަނަށް އެ މުބާރާތް ކާމިޔާބުކުރެވިފައި ނުވާ އާސެނަލް، މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ފައިނަލް މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އާ އެވެ.










