ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ ފޭސް އެކެއްގައި ތަރައްގީކުރި 'N1 ސްޕޯޓްސް ޕާކު' ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ގާއިމުކޮށްފައިވާ މި ސްޕޯޓްސް ޕާކު ހުޅުއްވައިދެއްވީ، އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމް އެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ ކިކް އޮފް މެޗުތަކަކާއެކުގަ އެވެ.

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައި ބޭއްވި ކިކްއޮފް މެޗުގެ ތެރެއިން. / ފޮޓޯ: ޚުލާސާ

އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޕާކިން ޒޯނެއްވެސް މި ޕާކުގައި ވަނީ ތަރައްގީކޮށްފަ އެވެ.

މި ސްޕޯޓްސް ޕާކަކީ މިސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. 'N1 ސްޕޯޓްސް ޕާކު' ހުޅުވުމާއެކު، މިހާރު އެތަންވެސް ވަނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވިފަ އެވެ.