ވ. އަތޮޅުގައި ފީނަނިކޮށް ގެއްލުނު ފަތުރުވެރިން ހޯދުމަށްޓަކައި ރާއްޖެ އައި ބޭރުގެ އެކްސްޕާޓުންގެ ޓީމުން އެ މީހުންގެ މަސައްކަތް ފަށައިފިއެވެ.
3 ކަފި ވެފައިވާ ހޮހަޅައިގައި ތާށި ވެފައި ވަނީ އިޓަލީގެ 4 މީހުންނެވެ. އެއީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ފެޑެރީކޯ ގުއަލްޓިއަރީ (31އ) އަދި އިންސްޓްރަކްޓަރު ޖިއަންލުކާ ބެނެޑެޓީ (44އ)އެވެ.


މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ ފަތުރުވެރިން ގެއްލުނު އިރު މިހާތަނަށް ފެނިފައި ވަނީ އޭގެ ތެރެއިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އެއީ ގާތްގަނޑަކަށް 60 މީޓަރު އަޑިންނެވެ.
ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު ކުރިޔަށް ދަނީ އޮރިއެންޓޭޝަން ޑައިވްއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ލަފާ ކުރާ ގޮތުގައި އަނެއް ހަތަރު މީހުންގެ ހަށިގަނޑު ވެސް އެ ހޮހަޅައިގެ ތެރޭގައި ވާނެއެވެ. މި މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ވަނީ މިމަހުގެ 16 ވަނަ ދުވަހު ނިޔާވެފައެވެ.
ގެއްލުނު މީހުން ހޯދަން ރާއްޖޭގައި މިހާރު އައިސް ތިބި ބޭރުގެ އެކްސްޕާޓުންނަކީ މީގެ ކުރިން އެއަށް ވުރެ ފުނުގައި ގެއްލިފައި ތިބި މީހުންގެ ހަށިގަނޑު ތައް ވެސް ހޯދާފައިވާ ތަޖުރިބާކާރުންނެވެ.







