އިޓަލީވިލާތުގެ ފައްޅިއަކުން މީގެ 20 އަހަރު ކުރިން ވަގަށް ނަގާފައިވާ ތާރީޚީ ކުރެހުމެއް، ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި އެ ގައުމުގެ ފުލުހުން ކާމިޔާބުކަމާއެކު ހޯދައިފިއެވެ.
މި ކުރެހުން ފެނިފައިވަނީ އޮކްޓޫބަރު 2024 ގައި އިޓަލީގެ ޕަރމާގައި ބޭއްވި އަހަރީ އާސާރީ މައުރަޒެއްގެ ތެރެއިންނެވެ. އިޓަލީގެ ސަގާފީ ތަރިކަ ހިމާޔަތްކުރާ ފުލުހުންގެ ހާއްސަ ޔުނިޓުގެ އޮފިސަރުން އެ މައުރަޒުގައި ހުރި ތަކެތީގެ ފޮޓޯ ނަގައި، އެ އިދާރާގެ އޭއައި ޑޭޓާބޭސްއަށް އެޅިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ސިސްޓަމުން ވަނީ ވަގަށް ނަގާފައިވާ ކުރެހުމަކާ އެ ކުރެހުން ވައްތަރު ކަމަށް ދައްކައި އިންޒާރު ދީފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މި ކުރެހުމަކީ 11 އޮގަސްޓް 2004 ގައި ނޭޕަލްސް ކައިރީގައި ހުންނަ ވިރްގޯ ޕޮޓެންސް ނަމަކަށް ކިޔާ ފައްޅިއަކުން ވަގަށް ނަގާފައިވާ، 17 ވަނަ ގަރުނުގެ "ސެއިންޓް އަގްނޭސް" ގެ ކުރެހުމެވެ. މި ކުރެހުން ވަގަށް ނެގުމަށްފަހު، އެއީ ވަގަށް ނަގާފައިވާ އެއްޗެއްކަން ފޮރުވުމަށްޓަކައި އޭގެ އަސްލު ބަދަލުކޮށް ކުލަ އުނގުޅައިގެން ބަދަލުތަކެއް ގެނެސްފައިވެއެވެ. އިންސާނެއްގެ ލޮލަށް ފާހަގަނުވާނެ ފަދަ މި ބަދަލުތައް ހުރި ނަމަވެސް، ފުލުހުން ބޭނުންކުރި "ސްވޮޑްސް" ނަމަކަށް ކިޔާ އޭއައި ސިސްޓަމުން ވަނީ އޭގެ އަސްލު ބައްޓަމާއި، ކުލަތަކުގެ ނިޝާންތައް ދެނެގަނެ، އެއީ ވަގަށް ނަގާފައިވާ އެތިކަން ކަށަވަރުކޮށްދީފައެވެ.
މި ޔުނިޓުގެ އިސް އޮފިސަރެއް ކަމަށްވާ ލެފްޓިނެންޓް ކާނަލް ސަލްވަތޯރޭ ރަޕިކަވޮލީ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ބޭނުންކުރަން ފެށި މި އޭއައި ނިޒާމުގެ ސަބަބުން ވަގަށް ނަގާފައިވާ ތަކެތި ހޯދުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. މިގޮތުން މިހާތަނަށް 203 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 226 މިލިއަން ޑޮލަރު) އަށް ވުރެ އަގުހުރި، ވަގަށް ނަގާފައިވާ 300 އަށް ވުރެ ގިނަ ބޮޑެތި ކުރެހުމާއި ބުދު އަދި 165،000 އަށް ވުރެ ގިނަ ތާރީހީ ކުދި ތަކެތި ހޯދާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ނަމަވެސް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އޭއައި އަކީ ތަހުގީގު މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެއް ނަމަވެސް، އެއީ އިންސާނުންގެ ދައުރު އެއްކޮށް ނައްތާލެވޭނެ އެއްޗެއް ނޫނެވެ. މައްސަލަތައް ފުރިހަމައަށް ތަޙުޤީޤުކޮށް، ވަގަށް ނަގާފައިވާ ތަކެތި އަނބުރާ ހޯދުމުގައި އިންސާނީ ވިސްނުމާއި ތަހުލީލު އަދިވެސް ވަރަށް މުހިންމެވެ.
މި ކުރެހުން ވަގަށް ނެގިތާ ގިނަ އަހަރުތަކެއް ވެފައިވާތީ، ގާނޫނީ ގޮތުން ޖިނާއީ ދަޢުވާއެއް އުފުލެން ނެތް ނަމަވެސް، މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ނުހަނު އަގުހުރި ތަރިކައެކެވެ. އެހެންކަމުން، މަރާމާތު ކުރުމަށްފަހު، އަންނަ މެއި 2025 ގައި މި ކުރެހުން އަލުން އެ ފައްޅިއާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.



