އީރާނުގެ ނިއުކްލިއާ ނުރައްކަލާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދިޔަ އަސްކަރީ ހަރަކާތްތަކަށް އިޓަލީން އެހީތެރިކަން ނުދިން ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން ކުރިން ގާތް ގުޅުމެއް އޮތް ދެ ބައިވެރިންގެ ދެމެދުގައި މިހާރު ވަނީ ބޮޑު ސިޔާސީ ހަނގުރާމައެއް ފެށިފައެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ލިޔުއްވާފައިވާ ގޮތުގައި، އީރާނާއި ދެކޮޅު ހަނގުރާމައިގައި އިޓަލީގެ އަސްކަރީ މަރުކަޒުތަކާއި ފްލައިޓް ޖައްސާ ތަންތަން ބޭނުންކުރުމުގެ ހުއްދަ މެލޯނީ ނުދެއްވުމުން އެމެރިކާއަށް ގިނަ ލޮޖިސްޓިކްސް ދަތިތަކާއި ކުރިމަތިވިއެވެ.
ނޭޓޯ މެދުވެރިކޮށް އެމެރިކާއިން އިޓަލީގެ ސަލާމަތަށް ބިލިއަނުން ހޭދަކުރާއިރު، ބޭނުންޖެހުނު ވަގުތު އިޓަލީން ފުރަގަސްދިނުމުން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ނުރުހުނަ ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، ފްރާންސްގައި ބޭއްވުނު ޖީ7 ސަމިޓުގައި މެލޯނީ އޭނާގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ޓްރަމްޕާއެކު ފޮޓޯއެއް ނެގުމަށް "އާދޭސްކުރި" ކަމަށްވެސް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ބޮޑުވަޒީރު މެލޯނީ ވިދާޅުވީ ޓްރަމްޕް ހައްދަވަނީ ކަނޑައެޅިގެން "ދޮގު" ކަމަށާއި، އިޓަލީއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ. އަދި އިޓަލީގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރެވޭނީ ދެގައުމުގެ ދެމެދުގައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށާއި، އެކަމާ މެލޯނީ ހުންނެވިހާ ހިނދަކު ޚިލާފުނުވެވޭނެ ކަމަށް ވިދާޅުވިއެވެ.
މެލޯނީ ވަނީ ޓްރަމްޕަށް "އަމިއްލަ މީހާގެ މަގުބޫލުކަމާއި ދޭތެރޭ ވިސްނުމަށް" ގޮވާލާފައެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން، އިޓަލީގެ ޚާރިޖީ ވަޒީރު އެމެރިކާއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު މިހާރު ވަނީ ކެންސަލް ކުރައްވާފައެވެ.









