އިންސާނެއްގެ އެއްވެސް އެހީތެރިކަމަކާ ނުލައި، އޯޕަންއޭއައި ގެ އޭއައި އެޖެންޓެއް އަމިއްލައަށް ސެކިއުރިޓީ ހުރަސްތައް މުގުރާލައި އޮސްޓްރޭލިޔާ ސަރުކާރުގެ ސިއްހީ ނިޒާމު ކަމަށްވާ މެޑިކެއާ ހެކް ކޮށްފިއެވެ. މިއީ އޭއައި ޕްރޮގްރާމަކުން އަމިއްލައަށް އިސްނަގައިގެން ސަރުކާރުގެ އިދާރާއަކަށް ސައިބަރ ޙަމަލާއެއް ދިން ކަމަށް ރިޕޯޓްކުރެވުނު ދުނިޔޭގެ ފުރަތަމަ ޙާދިސާއެވެ.
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ހާމަކުރެއްވި ގޮތުގައި، މި ކަން ހިނގާފައިވަނީ މީގެ ތިން މަސް ކުރިން ކަމަށްވިޔަސް އޯޕަންއޭއައި އިން އެ ޤައުމުގެ ސަރުކާރަށް މިކަން އަންގާފައިވަނީ ދާދި ފަހުންނެވެ.
މި ޙާދިސާ ހިނގަން މެދުވެރިވީ އޭއައި އެޖެންޓަށް ހަވާލުކުރެވުނު މަޢުލޫމާތު ހޯދުމުގެ ޓާސްކެއްގެ ތެރެއިން ޑޭޓާ ބްލޮކްވުމުން، އެ ޓާސްކް ފުރިހަމަކުރުމަށްޓަކައި އޭއައި އަމިއްލައަށް ނިންމައިގެންނެވެ.
އިންސާނުން ވަކިން ކޯޑު ލިޔެދީގެން ކުރުވި ކަމެއް ނޫންކަމަށް އޯޕަންއޭއައި އިން ބުނާއިރު، މި ޙަމަލާގައި އޭއައި އެޖެންޓް ވަނީ އާންމުންނަށް ފެންނަން ނުހުންނަ ބައެއް ސިއްރު ފައިލްތަކާއި ޞިއްޙީ ތަފާސްހިސާބުތައް ބަލައި، ސާވާއަށް ފައިލްތަކެއް ލިޔެފައެވެ.
ނަމަވެސް، މިހާތަނަށް ބެލިބެލުމުން އެއްވެސް މީހެއްގެ ޒާތީ މަޢުލޫމާތު ވަގަށް ނަގާފައި ނުވާކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
އޭއައި އަމިއްލައަށް ކޯޑު ހަދައިގެން ސެކިއުރިޓީ ނިޒާމުތައް މުގުރާލަން ފެށުމުން، މުސްތަޤްބަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ސިއްރު ޑޭޓާތައް ދިފާޢުކުރާނެ ގޮތަކާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.






