ދުނިޔޭގެ ޓެކްނޮލޮޖީ ބާޒާރުގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އެންވީޑިއާ އިން އުފައްދާ ގޭމިން ޗިޕްތައް ބާޒާރުން ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަން، މިއަހަރުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ލަފާކޮށްފި އެވެ.
މިކަން ހާމަކޮށް އެންވީޑިއާ އިން ބުނެފައިވަނީ، ގޭމިން ވީޑިއޯ ކާޑުތަކަށް އޮތް ޑިމާންޑް އާދަޔާ ހިލާފަށް އިތުރުވެފައިވީ ނަމަވެސް، އެ ތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނު ހޯދުމުގައާއި ސަޕްލައި ޗެއިންގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މި މައްސަލައިގެ ސަބަބުން ބާޒާރުގައި ޗިޕްތަކުގެ އަގު އުފުލި، ކަސްޓަމަރުންނަށް ބޭނުންވާ މިންވަރަށް އުފެއްދުންތައް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ޓެކްނޮލޮޖީ މާހިރުން ފާހަގަކުރާ ގޮތުގައި، މި ދަތިކަން ކުރިމަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ސެމީކޮންޑަކްޓަރ ޗިޕްތަކަށް އޮތް ބޮޑު ޑިމާންޑެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މާއްދާތައް ލިބުން ލަސްވުމަކީ ވެސް މި މައްސަލަ ދިގުލައިގެންދާ ސަބަބެކެވެ.
އެންވީޑިއާ އިން މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، ވީހާވެސް އަވަހަށް ބާޒާރަށް ޗިޕްތައް ނެރުމަށެވެ. ނަމަވެސް، މިހާރު ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، އާންމު ހާލަތަކަށް ރުޖޫއަވެވޭނީ މިއަހަރުގެ ފަހުކޮޅުގައި ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
މި ދަތިކަމުގެ އަސަރު ހަމައެކަނި ގޭމް ކުޅޭ ފަރާތްތަކަށް ނޫންކަން ފާހަގަކުރެވެ އެވެ. އާޓިފިޝަލް އިންޓެލިޖެންސް އަދި އެހެނިހެން ޓެކްނޮލޮޖީގެ ދާއިރާތަކަށް ވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.


އެންވީޑިއާ އަކީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމު ހޯދާފައިވާ ކުންފުންޏެކެވެ. އެގޮތުން 2024 ވަނަ އަހަރު އެ ކުންފުނީގެ އަގު 3.3 ޓްރިލިއަން ޑޮލަރަށް އަރައި، އެޕަލް އާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތައް ފަހަތަށް ޖައްސާލާފައިވެއެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ އަގު ވަނީ ފަސް ޓްރިލިއަން ޑޮލަރަށް އަރާފަނެ އެވެ.








