ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި 952,358 ހިއްސާ ތަމުސީލުކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 އިންސައްތަ ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ތަމުސީލުވެފައިވާއިރު، އޭގެ ތެރެއިން 176 ހިއްސާދާރުން ޖަލްސާއަށް އަމަލީގޮތުން ހާޒިރުވި އެވެ. ބާކީ ތިބި ހިއްސާދާރުން ބައިވެރިވީ ޕްރޮކްސީ މެދުވެރިކޮށެވެ.
މިއީ އެސްޓީއޯގެ ފަހުގެ ތާރީޚެއްގައި ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާ އެވެ. މިދިޔަ ދެ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 80 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރަށްވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެސްޓީއޯ ގްރޫޕަށް އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން އެސްޓީއޯއަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ހާމަވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއިންނެވެ. އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 244 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 33 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.14 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ 5.49 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި އަދި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ މުދާ އެތެރެކޮށް ވިއްކާ އެސްޓީއޯގެ ހިންގުމުގެ ފައިދާވެސް ވަނީ 14 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 322 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ 368 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
މި ނަތީޖާތަކުން ހާމަވަނީ ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނީގެ މާލީ ހާލަތު ވަރުގަދަވަމުންދާ ކަމާއި، ގައުމުގެ އިގްތިސާދުގައި އެ ކުންފުނިން އަދާކުރާ ދައުރު ފުޅާވަމުންދާ ކަމެވެ.









