ކަނޑު ފެނުނީމައި ފެތޭނެ ކަމަށް ހީކުރި މީހާއަށް ގެނބެން ފެށީމައި އެނގުނީ ފަތަން ދަސްނުވާ ކަމެވެ. ބާރު ލިބުމުން ވައުދު ހަނދާންނެތޭ ގޮތުގެ މިސާލަކީ މިއީއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރެއްވުމުގެ ނަމުގައި ކުރީގެ ތިން ރައީސުން، މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަދި އިބްރާހީމް މުހައްމަދު ސޯލިހު އެއް ޕޯޑިއަމަކުން ފެނިވަޑައިގަތުމަކީ "ގެރިމަސް ނުކާ ކަމަށް ހެދިގެން ތިބި ތިން ކާޅު" މި ހަރުބަހުގެ ދިރިހުރި މިސާލެކެވެ. މިއީ ދިވެހި ސިޔާސީ ތާރީހުގައި ލިޔެވޭނެ އަޖައިބެކެވެ. އެއީ މި ތިން ބޭފުޅުންގެ ވެރިކަމުގެ ދައުރުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ފުންމިން ނޭނގޭ އަނދިރި ވަޅުގަނޑެއްގެ ތެރޭގައެވެ.
ރައީސް ނަޝީދުގެ ދައުރު: ޑިމޮކްރަސީގެ ފޭރާން ލައިގެން ހުދުމުހުތާރުކަން
ބެއްޔާ ކައިވެންޏެއް ކުރީ ދަރިން ހޯދާކަށް ނޫނޭ ބުނި ފަދައިން، ރައީސް ނަޝީދު ޑިމޮކްރަސީ ގެންނެވީ މީޑިއާ މިނިވަންކުރައްވާކަށް ނޫންކަން އަމަލުފުޅުން ވަނީ ދައްކަވައިފައެވެ. ބައިނަލްއަގުވާމީ މައިދާނުގައި ޑިމޮކްރަސީގެ ރަމްޒެއްގެ ގޮތުގައި ތަސައްވުރު ދެއްކެވި ރައީސް ނަޝީދުގެ ވެރިކަމުގައި، ސަރުކާރަށް ފާޑުކިޔާ މީޑިއާތައް ހުއްޓުވުމަށް ދައުލަތުގެ ބާރު ފާޅުގައި ބޭނުންކުރެއްވިއެވެ.
އެންމެ ބޮޑަށް ފާހަގަކުރެވެނީ 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ މީޑިއާ މިނިވަން އެމްބީސީއަކަށް ބަދަލުކުރުމުގެ ގާނޫނު ފާސްކުރުމުން، ރައީސް ނަޝީދު އެމްއެންޑީއެފް ފޮނުއްވައިގެން ޓީވީއެމް ހިސާރުކުރެއްވި ދުވަހެވެ. ހަތިޔާރު އެޅި ސިފައިން އެ އިމާރާތް ކޮންޓްރޯލްކޮށް، އެމްބީސީގެ ބޯޑު މެންބަރުން ވަނުން ހުއްޓުވައި، ސަރުކާރުގެ ޕްރޮޕަގަންޑާ ނެރެމުން ގެންދެވީއެވެ.
2012 ޖެނުއަރީގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޣައިރުގާނޫނީ ގޮތެއްގައި ހައްޔަރުކުރެއްވުމާ ގުޅިގެން ހިނގި މުޒާހަރާތައް ކަވަރުކުރި ނޫސްވެރިން ހައްޔަރުކޮށް، ފުލުހުން ތަކުރާރުކޮށް އަނިޔާކުރިއެވެ. ސަރުކާރަށް ފާޑުކިޔަމުންދިޔަ ވީޓީވީ އާއި ދިއެފްއެމްއަށް އެމްޑީޕީ އެކްޓިވިސްޓުންގެ ގްރޫޕުތަކުން ހަމަލާދީ، ބިއްލޫރިތައް ތަޅާލައި، ބްރޯޑްކާސްޓް ސާމާނު ހަލާކުކޮށް، ސްޓޭޝަން އޮފްލައިން ކުރިއިރު، ފުލުހުން ކުުޑަވެސް ހިމާޔަތް ފޯރުކޮށްދީފައެއް ނުވެއެވެ. ނަޝީދުގެ ވެރިކަން ނިމުނު އިރު އާރުއެސްއެފް އިންޑެކްސްގައި 2012 ވަނަ އަހަރު ރާއްޖެ 112 ވަނައަށް ވެއްޓިގެންދިޔައީ މި ސަބަބުތަކާ ހެދިއެވެ.
ރައީސް ޔާމީންގެ ދައުރު: ގަލަމުގައި ތަޅު އެޅުވި ޒަމާން
މިއީ ދެލި ހިކުނީމާ ގަލަމުގެ ބޭނުމެއް ނޯންނާނެ ބުނެ ގަލަން ބިންދާލާ ފަދައިން، ނޫސްވެރިކަމުގެ ނޭވާ ހާސްކޮށް މުޅި ސިނާއަތުގެ ކަރުގައި ހިފެހެއްޓެވި ރައީސްއެވެ. ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދިވެހި ނޫސްވެރިކަމުގެ ތާރީހުގައި އެންމެ އަނދިރި ދުވަސްވަރުގެ ގޮތުގައި ސިފަކުރަނީ ރައީސް ޔާމީންގެ ދައުރެވެ.
ނޫސްވެރިންނާ ދެކޮޅަށް 2016 ވަނަ އަހަރު "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ފާސްކޮށް، އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުއްވިއެވެ. މި ގާނޫނުގެ ދަށުން މީޑިއާ ހައުސްތައް 2 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތް ހެދި އިރު، ޖޫރިމަނާ ނުދައްކައިފިނަމަ 6 މަސް ދުވަހުގެ ޖަލު ހުކުމެއް އާދެއެވެ. ރާއްޖެ ޓީވީ އެކަނިވެސް ޖުމްލަ 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ސްޓޭޝަން ހިންގޭ ނުހިންގޭ ހިސާބަށް ގޮސް އެންމެ ފަހުން ފަންޑުފޮށި ބަހައްޓަންޖެހުނެވެ. އަބުރާ ބެހިގެނެއް ނޫނެވެ. ޔާމީން ހިތްޕުޅާ ނުވި ކޮންޓެންޓްތަކެއް އެއާކޮށްގެންނެވެ.
2016 އޭޕްރީލް 3 ވަނަ ދުވަހު ރައީސް އޮފީސް ދޮށުގައި ހިމޭން އިހުތިޖާޖެއް ކުރި 16 ނޫސްވެރިން އެއްފަހަރާ ހައްޔަރުކުރެއްވީވެސް ރައީސް ޔާމީނެވެ. ފުލުހުން ނޫސްވެރިންގެ ލޮލަށް ކައިރިން ޕެޕާ ސްޕްރޭ ޖަހައި، އަނިޔާކުރިއިރު ބައެއް މީހުން އެޑްމިޓްކޮށްގެން ފަރުވާދޭންވެސް ޖެހުނެވެ. ހައްޔަރުކުރި 16 ނޫސްވެރިން ބަންދުގައި ބައިތިއްބައިގެން ބައެއް ނޫސްވެރިން އޮރިޔާންކޮށް ބަލާފާސްކޮށް ލަދުގަންނަވާލައި ނިކަމެތިކުރީވެސް ރައީސް ޔާމީނެވެ.
ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގައި މިނިވަން ނޫސްވެރިންނަށް ސުވާލުކުރެވޭ ފަދަ ހުޅުވާލެވިގެންވާ ޕްރެސް ކޮންފަރެންސެއް ބާއްވަވާފައެއް ނުވެއެވެ. ރާއްޖެ ޓީވީ ފަދަ މީޑިއާތައް ބްލެކްލިސްޓްކޮށް ދައުލަތުގެ ރަސްމީ ހަރަކާތްތަކަށް ވަނުން މަނާކުރެއްވިއެވެ. އާރުއެސްއެފް އިންޑެކްސްގައި ރާއްޖެ 120 ވަނައަށް ވެއްޓުނީ މި ދައުރުގައެވެ. އެއީ އެ އިންޑެކްސްގެ އެހާ ދަށު ދަރަޖައެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. ރައީސް ޔާމީނަށް ރެކޯޑެކެވެ.
ރައީސް ސޯލިހުގެ ދައުރު: ވައުދުގެ ފެން މާކަނާ ބޮއެ ހުސްވި ގޮތް
ފެންބޮވައިގެންފައި ހުރި މީހާއަށް ވެޔޮދޮށުން ޖާގަ ލިބުމުން، ވެޔޮ ބައްދާލީ އެހެން މީހުންނަށް ފެން ނުލިބޭ ގޮތަށެވެ. ޔާމީންގެ އަބުރުގެ ގާނޫނު އުވާލައްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހު އެ ގާނޫނު އުވާލެއްވި ނަމަވެސް، ވެރިކަމުގެ ފަހުކޮޅު ނޫސްވެރިކަމަށް ކުރިމަތިކުރެއްވީ އާ ނުރައްކާތަކެކެވެ. 2022 ވަނަ އަހަރު 150 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ހުށަހެޅި ޕެޓިޝަނަށް ބެލުމެއް ނެތި، ހެކީގެ ގާނޫނު ތަސްދީގު ކުރެއްވިއެވެ.
މި ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުން "ގައުމީ ސަލާމަތް" ނުވަތަ "ޓެރަރިޒަމް" ގެ ނަމުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން ކޯޓުތަކަށް އަމުރުކުރެވޭ ގޮތް ހެދީ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިންގެ ހައްގަށް ފައިން އެރުމަށް ފަހުގައެވެ.
ވެރިކަމުގެ ފަހު ދެ އަހަރު އިދިކޮޅު މުޒާހަރާތައް ކަވަރުކުރި ނޫސްވެރިންނަށް ފުލުހުން ޕެޕާސްޕްރޭ ޖަހައި، އަނިޔާކޮށް، ހައްޔަރުވެސް ކުރިއެވެ. އާރުއެސްއެފް އިންޑެކްސްގައި 72 ވަނައިން 100 ވަނައަށް ރާއްޖެ ފަހަތަށް ސޮއްސާލީ މި ދައުރުގައެވެ.
"ބޭނުމެއްލާ ބޯޓު ދަތުރު"
ކޮންމެ ފަހަރަކުވެސް ބޯޓެއް ބަންނަނީ މަންޒިލާ ހަމައަށް ދާކަށް ނޫނެވެ. ތޫފާނުން ސަލާމަތްވެވޭ ވަރަށް ހިކި ތަނެއް ފެނުމުން ބައިވެރިން ބާލައިފައި ބޯޓު ފައްތާލަނީއެވެ. ދިވެހި ސިޔާސީ ކޯލިޝަންތަކުގެ ހަގީގަތް މިއީއެވެ. 2018 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމުން ބާލަން، "ހުދުމުހުތާރު ޑިކްޓޭޓަރެއް" ގެ ގޮތުގައި ސިފަކުރެއްވި ބޭފުޅުންނާ ގުޅިވަޑައިގެން ކޯލިޝަން ހައްދަވައި، ރައީސް ސޯލިހް ވެރިކަމަށް ގެންނެވީ ރައީސް ނަޝީދެވެ. ނަމަވެސް ވެރިކަން ލިބުމާއެކު ކޯލިޝަން ރޫޅި، ނަޝީދު ސޯލިހާ ދެކޮޅަށް ނުކުންނަވައި، 2023 ގައި ސޯލިހަށް ވެރިކަން ގެއްލުމުގެ މައިގަނޑު ސަބަބަށް ވެވަޑައިގެންނެވީއެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީއާ އެކު ސިޔާސީ ގޮތުން ބާރުކެނޑިފައިވާ ޕާޓީތަކަށް، ދިރިތިބެން ކުރީގެ ދެކޮޅުވެރިކަން ހަނދާންނައްތާލުން ނޫން ގޮތެއް މިއަދަކު ނެތެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައްޔިތުންގެ ޖަޒުބާތާ އެންމެ ފަސޭހައިން ކުޅެލެވޭ މައުޟޫއު ކަމުން، އެ ދިދަ އުފުލައިގެން ސިޔާސީ ދިރުން ހޯދުމަކީ ޒަމާންވީ އުކުޅެކެވެ. މިބޭފުޅުން މި ބޭނުންކުރައްވަނީ އެ އުކުޅެވެ.
މުސްކުޅިން ބުނެ އުޅެއެވެ. ކެހިވެރި ފަރާތްތައް ދެނެގަންނާނީ ބުނާ ބަހަކުން ނޫނެވެ. ކުރާ އަމަލުންނެވެ. ނޫ ނޫސްވެރިކަމުގެ މިނިވަންކަމަކީ ސިޔާސީ ފައިދާ ބޭނުންވީމައި ނަގަންޖެހޭ ދިދައެއް ނޫނެވެ. އެއީ ބާރު ލިބުނީމަވެސް ދޫކޮށްނުލައި ހިފަހައްޓަންޖެހޭ އުސޫލެކެވެ. މާޒީގެ ކުށްތައް "ނޯމަލައިޒް" ކޮށް، މިހާރުގެ ސަރުކާރު ކުށްވެރިކޮށް ސަމާލުކަން އަނބުރާލުމަކީ ސިޔާސީ ގޮތުން ހުޝިޔާރު އުކުޅެއް ނަމަވެސް، ތާރީހީ ހަގީގަތް ފޮރުވޭނީ ވަކި މިންވަރަކަށެވެ.
ހަމައެކަނި ޕޯޑިއަމެއްގައި ތިއްބަވައި "ނޫސްވެރިކަމުގެ މިނިވަންކަން" ވިދާޅުވީމާ ޗެމްޕިއަނަކަށް ނުވެވެއެވެ. ވެވެނީ ގެރިމަސް ނުކާ ކަމަށް ހެދިގެން ތިބި ތިން ކާޅަށެވެ. ތާރީހު ތަކުރާރުވިޔަ ނުދިނުމަށް ރައްޔިތުން ހޭލައި ތިބެން ޖެހެއެވެ.









