ކުޑަކުދިންގެ ސިއްހަތާއި ކުރިއެރުމަށް އެންމެ މުހިންމު އެއް ކަމަކީ އެކަށީގެންވާ މިންވަރަށް ނިދި ލިބުން ކަމުގައިވީ ނަމަވެސް، ގިނަ ބެލެނިވެރިންނަށް ކުދިންނަށް ބޭނުންވާ ނިދީގެ މިންވަރު އަންދާޒާ ކުރަން ނޭނގޭކަން އައު ދިރާސާއަކުން ދައްކައިފި އެވެ.

ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އެމެރިކާގެ 44 އިންސައްތަ ކުދިންނަށް އެކުދިންގެ އުމުރާ ގުޅޭ މިންވަރަށް ނިދި ނުލިބެއެވެ. ހާއްސަކޮށް ތުއްތުކުދިންނަށް ބޭނުންވާ ނިދީގެ މިންވަރު ބެލެނިވެރިންނަށް އަންދާޒާ ކުރެވެނީ މާ މަދުކޮށެވެ.

އުމުރުފުރާތަކަށް ބޭނުންވާ ނިދީގެ މިންވަރު:

- އަލަށް އުފަންވާ ކުދިން: 14 އިން 17 ގަޑިއިރު

- ތުއްތު ކުދިން (އިންފަންޓްސް): 12 އިން 15 ގަޑިއިރު

- ހިނގާލެވޭ އުމުރުގެ ކުދިން (ޓޮޑްލަރސް): 11 އިން 14 ގަޑިއިރު

- ޕްރީ-ސްކޫލް ކުދިން: 10 އިން 13 ގަޑިއިރު

- ސްކޫލް އުމުރުގެ ކުދިން: 9 އިން 11 ގަޑިއިރު

މި ދިރާސާގައި ބައިވެރިވި ބެލެނިވެރިންގެ ތެރެއިން 95 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ރަނގަޅު ނިދި ލިބުމަކީ މުޅި އާއިލާގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ކުދިންނަށް ނިދި މަދުވުމުން އެކުދިންގެ މިޒާޖަށާއި، ދުވާލުގެ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރާކަން 69 އިންސައްތަ ބެލެނިވެރިން ފާހަގަކުރި އެވެ.

ނޭޝަނަލް ސްލީޕް ފައުންޑޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ޑރ. ޖޯސެފް ޒިއަރޒެވްސްކީ ވިދާޅުވި ގޮތުގައި، ކުޑައިރު ލިބޭ ނިދީގެ ފެންވަރަކީ މުސްތަގުބަލުގައި އެމީހެއްގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ބިންގަލެވެ.

ނިދުމުގެ އާދަތައް ރަނގަޅުކުރާނީ ކިހިނެއް؟

މި މައްސަލަ ހައްލުކުރުމަށްޓަކައި ތަޖުރިބާކާރުން އިރުޝާދު ދެއްވަނީ ކުދިންނާއެކު ނިދުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދެއްކުމަށެވެ. އަދި ކޮންމެ ރެޔަކުވެސް ވަކި ގަޑިއަކަށް ނިދަން އާދަކުރުމާއި، ނިދުމުގެ ކުރިން ފޯނާއި ޓީވީ ފަދަ ވަސީލަތްތަކާ ދުރުވުން މުހިންމެވެ. މީގެ އިތުރުން، ދުވާލުގެ ކުޑަވަގުތުކޮޅަކު ނިދާލުމަކީ (ނެޕް) ރޭގަނޑުގެ ނިދި ހަމަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބެލެނިވެރިން އަމިއްލައަށް ނިދުމުގެ ރަނގަޅު އާދަތައް ހިފެހެއްޓުމެވެ. ސަބަބަކީ ކުޑަކުދިން އަބަދުވެސް ބަލަނީ ބޮޑެތި މީހުންގެ އަމަލުތަކަށް ކަމަށްވާތީ އެވެ.