2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް އެމެރިކާއަށް ދަތުރުކުރާ އިރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް ތެހެރާންގެ އެންގޭލާބް މައިދާނުގައި ކުލަގަދަ ވަދާއީ ހަފްލާއެއް ބާއްވައިފި އެވެ. ބުދަ ދުވަހު ބޭއްވި މި ހަފްލާގައި އެތައް ހާސް ސަޕޯޓަރުންނެއް ބައިވެރިވެ، ކުޅުންތެރިންނަށް ހިތްވަރުދީފައިވެ އެވެ.
މި ހަފްލާގައި އިރާންގެ ވޯލްޑް ކަޕް ކިޓް ދައްކާލާފައިވާއިރު، ޓީމުގެ ރަސްމީ ދަތުރު ފެށުމުގެ ކުރިން ތުރުކީވިލާތުގައި ތަމްރީނު ކެމްޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އިރާން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހުދީ ތާޖް ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިއީ ފާއިތުވި ހަތަރު ވޯލްޑް ކަޕް ކެމްޕޭނަށް ބަލާއިރު ބޭއްވުނު އެންމެ ފުރިހަމަ ވަދާއީ ހަފްލާ ކަމަށެވެ. އަދި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އިރާންގެ ދިދަ އުފުލާ، ގައުމީ އަބުރު ދިފާއުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އިރާން ބައިވެރިވުމާ މެދު ކުރިން ސުވާލު އުފެދުނެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ސަރަހައްދީ ހަނގުރާމައެއް ފެށުމާއި އެކުގަ އެވެ. މީގެ އިތުރުން، އެމެރިކާއަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ހޯދުމުގައި ވެސް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އަނެއްކޮޅުން ފުޓްބޯޅަ ފެޑެރޭޝަންގެ ވަފުދެއް ދާދިފަހުން ކެނެޑާއަށް ދިޔުމުން، އެ ގައުމުގެ އިމިގްރޭޝަނުން ވަނީ އެ ބޭފުޅުންނަށް ހުރަސް އަޅާފަ އެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ އިރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ ގުޅުން އޮތް ކަމަށް ބުނެ އެވެ. އެމެރިކާއިން ވެސް އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ޓީމުގެ ބައެއް އޮފިޝަލުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
އިރާން ފުޓްބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ހެދާޔަތު މޮމްބެއިނީ ވިދާޅުވީ، ވިސާގެ ކަންކަން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފީފާއިން ދީފައިވާ ކަމަށާއި، ވަގުތަށް އެކަން ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ޖީ އެއްގައި ހިމެނޭ އިރާންގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައި ލޮސް އެންޖެލެސްގައި ނިއުޒީލެންޑާ ދެކޮޅަށެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް އަދި މިސްރެވެ. މުބާރާތުގެ ކުރިން ތައްޔާރުވުމުގެ ގޮތުން މެއި 29 ގައި ތުރުކީގެ އަންޓާލިޔާގައި ގެމްބިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.










