ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، އެއަރޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމުގެ މަޤްޞަދުގައި ލައުންޖް ތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ޚިދުމަތްތައް އިޝްތިހާރު ކުރުމާއި ޑިޖިޓަލް ޚިދުމަތް ތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރު ކުރުމަށް ވެސް އިތުރު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެއަރޕޯޓްގެ ހިންގުން ހަރުދަނާ ކުރުމަށާއި ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތް ތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިކަންކަމުގެ ތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖްޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، ޑިޖިޓަލް ވޭފައިންޑިންގ، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީ ސްކްރީނިންގ އަދި މޮބައިލް ބޯޑިން ސޮލިއުޝަން ތަކުގެ އަދާހަމަ ހިއްސާ ކުރެއްވިއެވެ.
އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.










