މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ ހައިވޭގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި، އެއާޕޯޓު ޓްރެފިކް ލައިޓް ކައިރީގައެވެ.
މި ހިތާމަވެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ހައިވޭއިން ދަތުރުކުރި ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ. މި ހާދިސާގައި އަނިޔާވި މީހާ ވަނީ ނިޔާވެފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.










