ދިހަމިލިއަން ރުފިޔާ އާއި ހަމަޔަށް ޖޫރިމަނާ ކުރެވޭ ގޮތަށް، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ބިލް ހުށަހަޅުއްވަމުން ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް ވިދާޅުވީ މި ބިލުގެ މަގްސަދަކީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށް، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުން ކުރުމުގެ ނިޒާމެއް ގާއިމް ކުރުމެވެ.
މި ބިލުގައި ވަނީ ޒާތީ މައުލޫމާތު އެއްކޮށް ޕްރޮސެސް ކުރާ މީހުންގެ ޒިންމާތައް ވެސް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރާ އުސޫލުތައް ވެސް ބަޔާން ކޮށްފައެވެ.
އަދި މި ބިލުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލާނެ ވަކި ކޮމިޝަނެއް އުފެއްދުމަށް ބަޔާން ކޮށްފައި ވާއިރު، ބިލުގައި ބަޔާން ކޮށްފައިވާ ކަންކަމާ ހިލާފު ވާނަމަ އެންމެ ކުޑަކޮށް ވެސް ޖޫރިމަނާގެ ގޮތުގައި 250,000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ޖޫރިމަނާ ކުރެވޭނީ 10 މިލިއަން ރުފިޔާއަށް ކަމަށް ބަޔާން ކޮށްފައި ވެއެވެ.









