ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތާއި، ހާރިޖީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ވާހަކަދެއްކުމުގައި ޒިންމާދާރުވުމަށާއި، މިފަދަ ކަންކަމުގައި ނުހަނު ބޮޑަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ސަރުކާރުން ގެންގުޅުއްވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހި ގައުމަށް އިސްކަންދޭ، މިނިވަން އަދި ޒިންމާދާރު ހާރިޖީ ސިޔާސަތެކެވެ. މި ސިޔާސަތަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮވެ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއަށްގެންދަނީ ގައުމީ މަސްލަހަތާއި އިހުތިރާމުގެ މައްޗަށް ބިނާކޮށް، ކަނޑައެޅިފައިވާ މުއައްސަސާ ނިޒާމުތަކުގެ ތެރެއިންކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
ހާއްސަކޮށް، ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ރާއްޖެއިން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސަރަހައްދީ ސުލްހަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، އަދި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި އެއްބަސްވާ ގައުމުތަކާއި ޖަމިއްޔާތަކާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމަށް ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުގެ ނަތީޖާ ވަރަށް ބޮޑުވާނެ ކަމަށެވެ. އެހެންކަމުން، މިފަދަ ވާހަކަތަކަކީ ގައުމީ އެއްބައިވަންތަކަމާއި މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުވާނެ ފަދަ ޒިންމާދާރު ވާހަކަތަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ގައުމުގެ މަސްލަހަތަށާއި ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ދެއްކުމުގައި އެންމެހައި ފަރާތްތަކުން، ހާއްސަކޮށް ސިޔާސީ ބޭފުޅުން ނުހަނު ބޮޑަށް ފަރުވާތެރިވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ ސިޔާދަތާއި، ކަރާމާތް އަދި ދިގު މުއްދަތުގެ މަސްލަހަތު ރައްކާތެރިކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު ވަރުގަދަކުރުމުގައި ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.










