ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ ފަޅުތެރޭގައި އަޅާފައި އޮތް "އެމްޕެރާ އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ހަވީރު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، މުޅި އުޅަނދުގައި ވަނީ ރޯވެފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި، އަލިފާން ރޯވި މި ސަފާރީއަކީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ އުޅަނދެކެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު އެ ދެމީހުންނަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި، އިތުރު ގެއްލުމެއް ވިޔަ ނުދިނުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.









