ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދަތުރުވެރިންނަށް ފެންނަ ފުރަތަމަ މަންޒިލަށް ވާއިރު، އެ ތަނުގެ ރީތިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހޯޓިކަލްޗާ ޓީމުން އަންނަނީ ނަމޫނާ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ހޯޓިކަލްޗާ ޓީމަކީ އެއާޕޯޓުގެ ފަސްފަހަތުގައި ތިބެ، ކޮންމެ ދުވަހަކުވެސް އެއާޕޯޓުގެ މާހައުލަށް ދިރުމާއި ކުލަގަދަކަން ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެކެވެ. މި ޓީމުގެ މައިގަނޑު މަގްސަދަކީ އެއާޕޯޓުގެ ފެހިކަން ދަމަހައްޓައި، ދަތުރުވެރިންނަށް މަރުހަބާ ކިޔާ ފަދަ ހިތްގައިމު މާހައުލެއް ބިނާކުރުމެވެ.
އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައިވާ ބަގީޗާތަކާއި ފެހި ތަންތަން ބަލަހައްޓައި، ގަސްތައް ކޮށައި ރީތިކުރުމަކީ މި ޓީމުން މެދުކެނޑުމެއްެއް ނެތި ކުރަމުންދާ މަސައްކަތެކެވެ. މިކަމުގެ ސަބަބުން އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބި، ދަތުރުގެ ފެށުން ނުވަތަ ނިމުން އުފާވެރި މަންޒަރަކާއެކު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.


ހޯޓިކަލްޗާ ޓީމުގެ ހީވާގި މަސައްކަތްތެރިންގެ ސަބަބުން، އެއާޕޯޓުގެ މާހައުލަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފަ އެވެ. އެ މުވައްޒަފުންގެ މި ހިމޭން ނަމަވެސް މުހިންމު ހިދުމަތަކީ އެއާޕޯޓުގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން އެއާޕޯޓުންވެސް ރަނގަޅަށް ދައްކުވައިދިނުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.
އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެއާޕޯޓަކީ ހަމައެކަނި ދަތުރުފަތުރުގެ މަރުކަޒެއްގެ ބަދަލުގައި، އެއީ އެންމެންނަށްވެސް ހިތްފަސޭހަ އަދި ރީތި މާހައުލަކަށް ހެދުމަށެވެ. މި އަމާޒަށް ވާސިލުވުމުގައި ހޯޓިކަލްޗާ ޓީމުގެ ދައުރަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރެކެވެ.







