ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އެކައުންޓްތަކާ ގުޅުވާފައިވާ ކާޑުތައް ބޭނުންކޮށްގެން، އޮންލައިން ސައިޓްތަކުން އެއްވެސް ލިމިޓެއް ނެތްގޮތަށް ވިޔަފާރިކުރެވޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.


ބީއެމްއެލްގެ ސްޕޯކްސްޕާސަން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓީމޫ އަދި ޝީއިން ފަދަ ބޭރުގެ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ޑޮލަރު އެކައުންޓުން މުއާމަލާތް ކުރެވޭނެ ކަމަށެވެ. މިފަދަ މުއާމަލާތްތަކަށް ބޭންކުން އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބޭންކުން އަޅާފައިވާ ފިޔަވަޅަކީ ހަމައެކަނި ރުފިޔާ އެކައުންޓްތަކާ ގުޅުވާފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި މިންވަރަކަށް ހިފެހެއްޓުމެވެ.
ބޭރު ފައިސާގެ ބޭނުން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި، އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކަށް މި ހަފްތާގައި ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. ބޭންކުން ފާހަގަކުރި ގޮތުގައި، ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން އަމިއްލަ ރުފިޔާ ކާޑު ބޭނުންކޮށްގެން ގިނަ އަދަދެއްގެ މުދާ ގަންނާތީ، ވަކިވަކި ސައިޓްތަކުން ވިޔަފާރިކުރުމަށް ބޭންކުން ދުވާލަކު ކަނޑައަޅާ ބަޖެޓެއްގެ ތެރެއިން ބޭރު ފައިސާ ވިއްކުމަށް މިހާރު ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭ އީކޮމާސް ޓްރާންސެކްޝަންގެ އަދަދު މިހާރު ވަނީ 30 އަށް ލިމިޓްކޮށްފަ އެވެ. ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަހަކު 30 އަށްވުރެ ގިނަ ޓްރާންސެކްޝަން ހަދަނީ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން އެންމެ 3 އިންސައްތަ މީހުންނެވެ.
މި ބަދަލުތަކަކީ ބޭރު ފައިސާގެ ތާށިކަން ހައްލުކޮށް، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިސްކަންދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.







