މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން މިއަދު މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:15 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާއިރު، މިއަދު ފަތިހުން ފެށިގެން މާލެ ސަރަހައްދަށް ވެސް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މި ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ މޫސުމާ ގުޅޭގޮތުން މެޓް އޮފީހުން އިއްޔެ ބުނެފައިވަނީ، އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވާރޭވެހޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.









