ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް އިމިގްރޭޝަން އާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ އެހީގައި، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ދެން އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގަ އެވެ. މިއާއެކު، ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު (ކާޑުގެ ވެރިފަރާތާ ނުލައި) ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭނެކަން ބޭންކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކިޔަވާ ކުދިންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކުން ބުނީ، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރާ ކުދިންނަށް، ކިޔަވާކުދިންނަށް ދެވިފައިވާ ހާއްސަ ލިމިޓާއެކު 'ސްޓޫޑެންޓް ކާޑު' ދޫކުރާނެ ކަމަށެވެ. މި ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދޭއިރު، އެ މުއްދަތުގެ ތެރޭގައި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އެވެ.
ބޭރު ފައިސާގެ ބޭނުން ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން، ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން އަމިއްލަ ރުފިޔާ ކާޑު ބޭނުންކޮށްގެން ގިނަ އަދަދެއްގެ މުދާ ގަންނާތީ، ވަކިވަކި ސައިޓްތަކުން ވިޔަފާރިކުރުމަށް ބޭންކުން ދުވާލަކު ކަނޑައަޅާ ބަޖެޓެއްގެ ތެރެއިން ބޭރު ފައިސާ ވިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭ އީކޮމާސް ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ލިމިޓްކޮށްފަ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަހަކު 30 އަށްވުރެ ގިނަ ޓްރާންސެކްޝަން ހަދަނީ ކަސްޓަމަރުންގެ އެންމެ 3 އިންސައްތަ އެވެ.


މީގެ އިތުރުން ބޭންކުން ނިންމާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި:
- ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި ބޭނުންކުރެވުން.
- އެއް ކްރެޑިޓް ކާޑަށްވުރެ ގިނަ ކާޑު ގެންގުޅުއްވާ ފަރާތްތަކުގެ އަތުން ހަމައެކަނި އެއް ކާޑުގެ އަހަރީ ފީ ނެގުން.
- ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލުކުރުން. ނަމަވެސް އެކައުންޓުގައި ބޭރު ފައިސާ ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތަކާއެކު 24 ގަޑިއިރު ފޮނުވޭނެއެވެ.
- ޓީޓީތައް ސްޕްލިޓްކޮށްގެން (ބަހާލައިގެން) ފޮނުވާ ފަރާތްތައް ފާހަގަކޮށް، ލިމިޓްގެ ތެރެއިން އެކަނި ބޭރު ފައިސާ ވިއްކުން.
މި ބަދަލުތަކަކީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ، ވީހާވެސް ގިނަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަމަހަމަކަމާއެކު ބޭނުންކުރުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.







