އީރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ރައީސް ޑޮނަލްޑް ޓްރަމްޕަށް އާ އަސްކަރީ ޕްލޭންތަކެއް ހުށަހަޅަން އުޅޭކަމުގެ ރިޕޯޓުތަކާއެކު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު 2022 ވަނަ އަހަރަށްފަހު ނުއުފުލޭ މިންވަރަށް މައްޗަށް ގޮސްފި އެވެ.
އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާތީ، އެ ގައުމަށް އަމާޒުކޮށް ބާރުގަދަ ހަމަލާތަކެއް ދިނުމުގެ ރޭވުމެއް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓުތަކާ ގުޅިގެން ބްރެންޓް ކްރޫޑްގެ އަގު ވަނީ ގާތްގަނޑަކަށް 7 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 126 ޑޮލަރަށްވުރެ މައްޗަށް އުފުލިފަ އެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އަގުތައް އުފުލެމުން މިދަނީ ސުލްހައިގެ ވާހަކަތައް މަޑުޖެހި، ތެޔޮ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ "ސްޓްރެއިޓް އޮފް ހޯރްމުޒް" ބަންދުވެފައި އޮތުމުގެ ސަބަބުންނެވެ. ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލާއި އެލް.އެން.ޖީގެ 20 އިންސައްތަ އާންމުކޮށް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
ބުރާސްފަތި ދުވަހުގެ ކުރީކޮޅު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 126.31 ޑޮލަރަށް އެރިއިރު، މިއީ ރަޝިޔާއިން ޔޫކްރެއިނަށް އެރި ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް، ދުވަހުގެ ފަހުކޮޅު އަގުތައް ވަނީ 114 ޑޮލަރަށް ތިރިވެފަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އަގަށް މި އައި ބަދަލަކީ "ފިއުޗާސް ކޮންޓްރެކްޓް" ތަކުގެ މުއްދަތު ހަމަވުމާ ގުޅިގެން އައި ބަދަލެކެވެ.
ތެލުގެ އަގު މައްޗަށް ދިއުމުގެ ނޭދެވޭ އަސަރު މިހާރުވެސް އާންމު ދިރިއުޅުމަށް ދަނީ ކުރަމުންނެވެ. އިނގިރޭސިވިލާތުގައި ޕެޓްރޯލް ލިޓަރެއްގެ އަގު މިހާރު ހުރީ ހަނގުރާމައިގެ ކުރިއަށްވުރެ 24 ޕެންސް އަގުބޮޑުކޮށް، އެވްރެޖްކޮށް 157 ޕެންސްގައެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 46 ޕެންސް އިތުރުވެ، 188.5 ޕެންސަށް އުފުލިފަ އެވެ.
މީގެ އިތުރުން، ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލުމުގެ ބިރު އޮތްއިރު، ބައެއް އެއާލައިންތަކުން ވަނީ ޓިކެޓްގެ އަގު ބޮޑުކުރަން ނުވަތަ ދަތުރުތައް މަދުކުރަން ފަށާފަ އެވެ. އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ގަސްކާނާގެ އަގު އުފުލުމަކީ ކުރިއަށް އޮތް ތަނުގައި ކާބޯތަކެތީގެ އަގު އިތުރަށް ބޮޑުވެދާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރު ދެ އެވެ.
އެކްސިއޯސްގެ ރިޕޯޓުގައިވާ ގޮތުން، އެމެރިކާއިން ދޭން ރާވާ ހަމަލާތަކުގައި އީރާނުގެ އިންފްރާސްޓްރަކްޗާގެ މުހިންމު ތަންތަނަށް އަމާޒުކުރުން ހިމެނެއެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.









