ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސްގެ މަގާމަށް، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އަލްފާޟިލް މުހައްމަދު ނިޒާރު މިއަދު އައްޔަނުކުރައްވައިފި އެވެ.
ނިޒާރު މި މަގާމަށް އައްޔަނުކުރައްވާފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ދެންމެގެ ވަގުތެއްގައެވެ.


މުހައްމަދު ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅެކެވެ. މިއީ ނިޒާރު މި މަގާމު ފުރުއްވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2014 އިން 2019 އަށް ވެސް އެމަނިކުފާނު ވަނީ ޕީ.ސީ.ބީ ގެ ރައީސްކަމުގެ މަގާމު ފުރުއްވައި، ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
ނިޒާރުގެ މަސައްކަތްޕުޅުގެ ތާރީހަށް ބަލާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު އިސް މަގާމުތަކެއް ފުރުއްވާފައިވެ އެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ހިމެނެ އެވެ. އެސް.ޓީ.އޯގައި އުޅުއްވި މުއްދަތުގައި އީ.އާރް.ޕީ ނިޒާމު ޤާއިމުކުރުމާއި ސަޕްލައި ޗެއިން ހަރުދަނާކުރުމުގެ މުހިންމު މަޝްރޫއުތަކެއް އެމަނިކުފާނު ވަނީ އިސްވެ ހިންގަވާފަ އެވެ.
މީގެ އިތުރުން، މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް އެމަނިކުފާނު ވަނީ ހިދުމަތް ކުރައްވާފަ އެވެ.
ތައުލީމީ ގޮތުން ބަލާއިރު، މުހައްމަދު ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.






