ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން އެކުލަވައިލެއްވި ކެބިނެޓުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދެއްކެވީ ހަމައެކަނި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަންޏެވެ.
ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މެންޑޭޓަށް ބަދަލު ގެނެސް އަލަށް އައްޔަންކުރެއްވި 14 މިނިސްޓަރުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ހުރިހާ ވަޒީރުންނަށް ވެސް ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފައެވެ.
މި ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ހުރިހާ ވަޒީރުންނަށް ރުހުން ދެއްވި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވިއިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ކްލައިމެޓް މިނިސްޓަރު އަލީ ޝަރީފަށް ރުހުން ދޭން ނުފެންނަ ކަމަށް އެ ޕާޓީގެ ފަސް މެންބަރަކު ވޯޓު ދެއްވިއެވެ.
އާ ކެބިނެޓު އެކުލަވާލައިފާ ގޮތް:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
- ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރަކަށް ހަސަން ރަޝީދު
- ފިޝަރީޒް މިނިސްޓަރަކަށް އަހުމަދު ޝިޔާމް
- ބަންޑާރަ ނައިބު އަހުމަދު އުޝާމް
ކެބިނެޓަށް މި ބަދަލުތައް ގެންނަވާފައިވަނީ ކުރިން ތިއްބެވި ވަޒީރުންގެ ތެރެއިން 10 ބޭފުޅަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސް ގެންނަވަން ބޭނުންފުޅުވި ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މި ބަދަލާއެކު ބައެއް މިނިސްޓްރީތައް ވަނީ އެއްކޮށްލާފައެވެ. ކުރިން ކެބިނެޓުގައި 20 މިނިސްޓަރުން ތިއްބެވި ނަމަވެސް، މިހާރު ކެބިނެޓުގައި ތިއްބަވާނީ 14 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލާއެކު ޖުމްލަ 15 ބޭފުޅުންނެވެ. މީގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.









