ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށްޓަކައި ބޭއްވި ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން، އޭނާގެ ޓިކެޓު ދޫކޮށްލެއްވުމަށް ފަހު ޕްރައިމަރީގައި ވާދަކުރެއްވި އަހުމަދު ސައީދު އަށް ތާއިދުކުރަން ނިންމަވައިފިއެވެ.
ސިނާން މިގޮތަށް ނިންމެވީ ޕްރައިމަރީއަށް ފަހު ދާއިރާގެ ގިނަ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ސިނާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޕީއެންސީގެ ޕްރައިމަރީ އަށް ފަހު، ދާއިރާގެ ގިނަ ބަޔަކާ މިދިޔަ ތިން ދުވަހު މަޝްވަރާ ކުރެއްވި ކަމަށެވެ. ސިނާން ހާމަކުރެއްވި ގޮތުގައި، މި ފަހަރުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕާޓީއަށް ކާމިޔާބު ކުރެވޭނީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އާ ބޭފުޅަކަށް ފުރުސަތު ދެއްވައިގެން ކަމަށް މަޝްވަރާތަކުން ފާހަގަވެފައިވެއެވެ. އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ އަބްދުﷲ ސޯދިގު (ސޯބެ) ބަލިކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ މަޖިލީހަށް އާ މޫނެއް ނެރުން ކަމަށް ސިނާން ގަބޫލުކުރައްވައެވެ.
ޕީއެންސީ ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު، ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. ނަމަވެސް، ޕާޓީގެ ލީޑަޝިޕަށް މިހާރު ވަނީ އިންތިހާބުގައި ވާދަނުކުރައްވާނެކަން އަންގަވާފައެވެ. ސިނާން ވިދާޅުވީ ޕާޓީގެ ކެނޑިޑޭޓާއެކު ރައްޔިތުންގެ ގާތަށް ނުކުންނަވާނެ ކަމަށާއި، ހުރިހާ ސަޕޯޓަރުން ވެސް އާ ރޫހެއްގައި ސައީދު ހޮވުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލައެއްގައި ފައިސާ ނުދެއްކެވުމުން، އޭނާގެ މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމާ ގުޅިގެންނެވެ.
މި ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު ސޯދިގު ސޯބެއެވެ. ސިނާންގެ މި ނިންމުމާއެކު، ސަރުކާރު ކޯލިޝަނުން މިހާރު ތައްޔާރުވަމުންދަނީ ސައީދާއެކު އިންތިހާބަށް ނުކުތުމަށެވެ.









