ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގުޅޭގޮތުން 'އަދަދު' ނޫހުން ނެރުނު ޑޮކިއުމަންޓްރީއަކާ ގުޅިގެން، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ތަކެތި ގެންދިޔަ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީ ތަމްސީލުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ، އެއީ މަޖިލީހުގެ ގަވާއިދުތަކާ ހިލާފު ހުށަހެޅުމެއް ކަމަށް ކަނޑައަޅުއްވައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މީކާއިލްގެ މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، މީޑިއާތަކާ ގުޅޭ ޝަކުވާތައް ބެލުމަށް މީޑިއާ ކައުންސިލް ފަދަ ނިޒާމުތައް ގާއިމުވެފައި އޮއްވައި، ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސް އޮފީހަށް ވަނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށެވެ. އަދި މިއީ ނޫހުގެ މަސައްކަތް ހުއްޓުވުމަށް ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައި، އެކަން މަޖިލީހުން ތަހުގީގުކުރުމަށް އޭނާ އެދިވަޑައިގަތެވެ.
ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ، ކުއްލި މައްސަލައެއްގެ ތެރެއިން ކަންކަން ތަހުގީގުކުރަން ގޮވާލުމަކީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށާއި، ފުލުހުން އެތަނަށް ވަދެފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކޯޓު އަމުރަކާއެކު ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފައެވެ.
'އައިޝާ'ގެ ނަމުގައި އާންމުކުރި އެ ޑޮކިއުމަންޓްރީގައި ކުރި ތުހުމަތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވަނީ ރައީސްގެ އެދިވަޑައިގަތުމަކަށް ކަމަށްވާއިރު، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ އޮފީހުން ބައެއް އިލެކްޓްރޯނިކް އާލާތްތައް ތަހުގީގަށް ގެންގޮސްފައެވެ.










