ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މި މަހުގެ ބުދަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށެވެ. ނަމަވެސް، އިއްޔެ އެ ކޮމިޝަނުން ބުނީ އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ. ޕީއެންސީއަށް ނިސްބަތްވާ ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ނުދެއްކެވި މައްސަލައިގައި ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އީސީން ބުނި ގޮތުގައި ބައި-އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ [email protected] އީ-މެއިލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ހާޒިރުވެގެންނެވެ.
މި ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ މެމްބަރު މުހައްމަދު ސިނާން އެވެ.










