ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލަށް ހުވާކުރެއްވި 14 ވަޒީރަކަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. މި ބަދަލާއެކު ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް އަލަށް 5 ވަޒީރަކު އައްޔަން ކުރައްވާފައެވެ. މީގެ އިތުރުން، ކުރިންވެސް ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި 9 ވަޒީރަކު، ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ވަނީ ހުވާ ކުރައްވާފައެވެ.
ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ބޭފުޅުންނަށް ގާނޫނީ ބާރުވެރިކަން ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެހެންކަމުން، މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ވަނީ މި ބޭފުޅުންގެ ނަންތައް ރުހުން ހޯއްދެވުމަށް ފޮނުއްވާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ނިންމީ، ދެ މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅި ނަމަވެސް، 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. އަދި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. މީގެ ތެރޭގައި ދިފާއީ ވަޒީރު ހަސަން ރަޝީދު، މާލީ ވަޒީރު މޫސާ ޒަމީރު، ދާހިލީ ވަޒީރު އަލީ އިހްސާން، އަދި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ.
ކޮމިޓީން ރުހުން ދިނުމަށް ފާސްކުރި ވަޒީރުންގެ ތެރޭގައި ޑރ. އިސްމާއިލް ޝަފީއު، ގީލާ އަލީ، މުހައްމަދު ސައީދު، އަހުމަދު ޝިޔާމް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މުހައްމަދު އަމީން، އަބްދުﷲ ރާފިއު، ހީނާ ވަލީދު، އަބްދުﷲ މުއްތަލިބް އަދި އަލީ ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
ކޮމިޓީން މިގޮތަށް ނިންމުމާ ގުޅިގެން، ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މި ރިޕޯޓަށް ބަހުސްކޮށް، ވަޒީރުންނަށް ރުހުން ދިނުމާ މެދު މުޅި މަޖިލީހުން ގޮތެއް ނިންމާނެއެވެ.









